މުދައްރިސުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރު ކޮށްފައިވާ ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓްރ ޑރ. އައިޝަތު އަލީއެވެ.
ޕޯޓަލް އިފްތިތާހު ކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސުން ރަޖިސްޓްރީވެ، ލައިސަންސް ހޯދުމަށް ވަން ގަވް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ދޫކުރަނީ ޑިޖިޓަލް ލައިސަންސް ކާޑެވެ.
މުދައްރިސްކަމުގެ ލައިސަންސް ތައާރަފް ކުރުމުގެ މަގުސަދަކީ، މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަށާއި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހި ކުރުމުގެ އިތުރުން، ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީ ގޮތުން ކުރި އަރަމުންދާ ބަޔަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގައި ހިންގާ ސްކޫލުތަކާއި، ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުން ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހޭނެ ކަމަށާއި މުދައްރިސުންގެ ގޮތުގައި ހިދުމަތް ދެވޭނީ ލައިސަންސް އޮވެގެން ކަމަށް ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ގާނޫނުގައި ވެއެވެ.
އެހެންކަމުން ހިދުމަތުގައި ދެމިތިބި ހުރިހާ ޓީޗަރުން ލައިސަންސް ހޯދަން ޖެހެއެވެ. އެގޮތުން މުދައްރިސުންގެ ލައިސަންސް ތިން ބާވަތަކަށް ބެހެއެވެ. އެއީ ޓީޗިންގް ލައިސަންސްއާއި ސްކޫލް ލީޑަރޝިޕް ލައިސަންސްގެ އިތުރުން ސްކޫލް ޕްރޮފެޝަންސް ލައިސަންސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް