ހަމާސް ޖަމާއަތުން އިސްވެ އޮވެ ފަލަސްތީނުގެ ހައްގުގައި އިޒްރޭލަށް ދޭންފެށި ހަމަލާތަކާއި ގުޅިގެން އދ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވި ނަމަވެސް ވަކި ގޮތެއް ނުނިންމާ އެ ބައްދަލުވުން ނިންމާލަން ޖެހިއްޖެއެވެ.
ކުއްލި އެ ބައްދަލުވުން ބޭއްވީ ހަމާސްގެ ހަމަލާ ކުށްވެރިކޮށްދިނުމަށް އެމެރިކާއިން އެދުމުންނެވެ. އެހެންނަމަވެސް 90 ވަރަކަށް މިނެޓަށް ކުރިއަށްދިޔަ ސެކިއުރިޓީ ކައުންސިލްގައި އެކަން އެގޮތަށް ފާހެއް ނުވިއެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލަށްފަހު މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން އެމެރިކާގެ ސީނިއަރ ޑިޕްލޮމެޓް ރޮބަޓް ވުޑްސް ބުނެފައިވަނީ ހަމާސްގެ ހަމަލާ ގައުމުތަކުން ކުށްވެރި ކުރި ނަމަވެސް އެއީ ހުރިހާ ގައުމެއް ނޫން ކަމަށެވެ. އަދި ނަން ނުބުންޏަސް އެކަން ކުށްވެރި ނުކުރާ ގައުމު ނުވަތަ ގައުމުތައް އެނގޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ރަޝިޔާއަށެވެ. ރަޝިޔާއަކީ އދ ސެކިއުރިޓީ ކައުންސިލުގައި ދާއިމީ މެންބަރު ގައުމެއް ކަމުގައިވާއިރު ރަޝިޔާއިން ހަމާސްގެ ހަމަލާ ކުށްވެރިއެއް ނުކުރެއެވެ. އަދި އެހެން ބައެއް ގައުމުތަކުންވެސް އެ ހަމަލާ ކުށްވެރިއެއް ނުކުރެއެވެ.
އެހެންކަމުން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުން ނިންމާލަން ޖެހުނީ ހަމާސް ކުށްވެރި ކުރުމުގައި ވަކި ގޮތެއް ނުނިމިއެވެ.
ހަމަލާތައް ބަދަލުކުރެމުން އަންނަތާ މިއަދު މީ ތިންވަނަ ދުވަސްކަމުގައިވާއިރު މިހާތަނަށް މި ހަމަލާ ބަދަލުކުރުންތަކުގައި އިޒްރޭލުން 700 ފަލަސްތީނުން 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް