ފަލަސްތީނުގެ ދިފާއުގައި ކުރެވޭ ހަނގުރާމައިގެ އަދާހަމަ – އިޒްރޭލުން 700 މަރު، ފަލަސްތީނުން 400 މަރު

ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައި (ރާއްޖޭ ގަޑިން 08:30)ގައި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ވަރުގަދަ ބިޔަ ބޮޑު ހަމަލާއަށްފަހު ދެ ފަރާތުން ބަދަލުކުރަން ފެށި ހަމަލާތަށް ތިން ދުވަސް ވާން ގާތް...

09 Oct 2023 | 01:13

ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައި (ރާއްޖޭ ގަޑިން 08:30)ގައި ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ވަރުގަދަ ބިޔަ ބޮޑު ހަމަލާއަށްފަހު ދެ ފަރާތުން ބަދަލުކުރަން ފެށި ހަމަލާތަށް ތިން ދުވަސް ވާން ގާތްވެފައިވާއިރު އަދިވެސް މަސްރަހު ފިނި ވާގޮތެއް ނުވެއެވެ.

ރައްދު ހަމަލާކަމަށްބުނެ އިޒްރޭލުން އަންނަނީ ގާޒާގެ ބިމަށް މަތިން ހަމަލާތައް ދެމުންނެވެ. ހަމާސް އާއި ހަމާސްއަށް ވާގިވެރިވާ ހަނގުރާމަވެރިން އަންނަނީ ގާޒާ ބޯޑަރު ސަރަހައްދާއި އަދި އިޒްރޭލު ތެރޭގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ހަމަލާތައް ބަދަލުކުރަމުންނެވެ.

އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު މި މަސްރަހުގެ ތެރެއަށް އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ވަދެފައެވެ. އިޒްރޭލުގެ އައްސޭރިފަށަށް ހަނގުރާމަމަތީ މަނަވަރުތަކެއްގެ މިސްރާބު ހިފުމާއި މަސްރަހާއި މެދު، އިޒްރޭލައި ވަށައިގެންވާ އިސްލާމީ ބޮޑެތި ގައުމުތަކަށް އިސްވެ ގުޅޭ، މަޝްވަރާތައް ފެށުމާއި އަދި ހަތިޔާރުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އިޒްރޭލަށް އެހީވާން އެމެރިކާއިން ނިންމި ނިންމުމަކީ މަސްރަހު އިތުރަށް ގޯސްވެގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ކަމެކެވެ.

މިހާތަނަށް މި ހަމަލާ ބަދަލުކުރުންތަކުގައި ރަސްމީ އަދަދުތަކަށް ބަލާލާއިރު އިޒްރޭލުން 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ގައުމުން ރަސްމީކޮށް ބުނެފައިވެއެވެ. އަދި ފަލަސްތީނު/ގާޒާއިން 413 މީހަކު މަރުވެފައިވާކަމަށް ފަލަސްތީނު/ގާޒާއިން ބުނެއެވެ.

މިހާރު އިޒްރޭލުން ހަމަލާތައް ދެމުން އަންނަނީ ގާޒާގެ ބޮޑެތި އިމާރާތްތަކަށް ބޮޑަށް އަމާޒު ކޮށެވެ. އެއީ ސަރުކާރު އިމާރާޓްތަކާއި މިލިޓަރީ އިމާރާތްތައް ހިމެނޭހެންނެވެ. ހަމަލާތައް ދިނުމުގައި އާންމުން ދިރިއުޅޭ ބޮޑެތި އިމާރާތްތައްވެސް ހިމެނެއެވެ.

އެގޮތުން ރޭގައި އަލް-ނަސްރު ނެއިބަރހުޑްގެ 11 ބުރީގެ އިމާރާތަކަށް ދިން ހަމަލާ ފާހަގަކޮށްލެވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެއީ 80 އާއިލާއެއްގެ ގެދޮރެވެ. އެ އާއިލާތައް މިހާރު ވަނީ މަގުމަތިވެފައެވެ.

ހަމާސް އިން ބުނަނީ ހަމަލާތައް އަދިވެސް ވަރުގަދަ ކަމަށާއި އިތުރަށްވެސް ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށެވެ. ރޭގައިވެސް ގާޒާ ފަޅިން އިޒްރޭލަށް ހަމަލާތަކެއް ދީފައިވެއެވެ. އަދި ލުބުނާނު ފަޅިންވެސް އިއްޔެ އިޒްރޭލަށް ހަމަލާތަކެއް އަމާޒުވެފައިވެއެވެ.

ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާއިރު އިޒްރޭލުން އިއްޔެ ރަސްމީކޮށް ހަނގުރާމަ އިއުލާނުކުރިއެވެ. އަދި ގާޒާއިން މީހުން ނިކުމެ ހުސްކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ އިންޒާރު ދިނެވެ. އެ އިންޒާރުގައި ގާޒާއަކީ ހަނަފަސް ބިމަކަށް ހަދާލާނެކަމަށްބުނެ ދިން އިންޒާރު ހިމެނެއެވެ.

ހަމާސް އިން ހޮނިހިރު ދުވަހު ދިން ވަރުގަދަ ހަމަލާއަކީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ފަރާތްތައް ސިއްސުވާލި ވަރުގަދަ ހަމަލާއެކެވެ.

އެ ހަމަލާގައި ގާތްގަނޑަކަށް އެންމެ 20 މިނެޓުގެ ތެރޭގައި ފަސް ހާސް ރޮކެޓް ހަމަލާ އިޒްރޭލަށް އަމާޒު ކުރިއެވެ. އަދި އެ ހަމަލާތަކުގެ ނިވަލުގައި ވަޔާއި ކަނޑާއި އެއްގަމު މަގުން އިޒްރޭލުގެ ތެރެއަށް ހަނގުރާމަވެރިންތައް ވަދެގަނެ އިޒްރޭލު ދިފާއީ މެކޭނިޒަމް ފެއިލްކޮށްލާ އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް