އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މާދަމާ މަސްމާރުކޭޓު ސަރަހައްދުގައި މޔޒާހަރާ ކުރަން ނިންމައިފި އެވެ.
އެކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި އެއްވުމަކީ ސަރުކާރުން މަސްވެރިންނާ ގުޅޭ ވައުދުތައް ފުއްދަމުން ނުދާތީ ކުރާ މުޒާހަރައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހިމޭނުން މަޑުން ތިބެވެން ނެތް ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި މާދަމާ އެއްވަނީ ގާނޫނުގެ ތެރެއިން ލިބިދީފައި އޮތް ހައްގެއް ބޭނުން ކުރުމަށް ކަމަށެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި މަސްވެރިންނަށް ގިނަ ވާހަކަތަކެއް ދެއްކި އެވެ. މަސްވެރިންނަށް ހަމަ އަގު ދިނުމާއި ޑޮލަރުން ފައިސާ ދިނުމާއި ކަނޑުމަތީގައި މަސްވެރިންނަށް ޕްލެޓުފޯމްތަކެއް ހަދާނެ ކަމަށް ވައުދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ވެރިކަމުގެ ފަހު ދުވަސްތައް ހިނގާ އިރު އަދިވެސް މަސްވެރި އާއިލާތައް ނިކަމެތިވަމުންދާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
ޕީޕީއެމްއިން ވަނީ އެ މުޒާހަރާގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފައި އެވެ. މުޒާހަރާ ފަށަން ހަމަޖައްސާފައިވަނީ ހަވީރު4:00 ގައި އެވެ.
ހުއްދަ ނެތި މުޒާހަރާއެއް ކުރަން ނިންމި އިރު ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިހާރު މާލޭގައި ދުރާލާ ހުއްދަ ނުނަގާ އެއްވެވޭނީ ކާނިވާ ސަރަހައްދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް