އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އެކަކު ގެއްލި އަނެކަކަށް ފަރުވާ ދީފައިވާއިރު ފަރުވާދިން މީހާ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ މި ހާދިސާގައި ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ހާމަކުރަމުންނެވެ. އެގޮތުން އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރުން ފެށިގެން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން އޮކްޓޯބަރ 6 ވަނަ ދުވަހުގެ 20:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ފެނުމުން އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަށެވެ.
ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.
"އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު 13:30 އެހައިކަންހާއިރުވަނީ ކަފުޖަހައިގެން ހިމަންދުއަށް ގެންގޮސްފައެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށްވަނީ ހަމަޖެހިފައިކަމަށާއި ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ގެއްލިގެން ހޯދަމުންދާ މީހާ ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 119 ނުވަތަ 3322111 އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް