އުނގޫފާރު ކައުންސިލާއި، އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރ. އަތޮޅު ކައުންސިލުގެ އިދާރާގަ އެވެ.
މި ބައްދަކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާކަމާއި، ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހެދުމާއި، އެއްގަމުތޮށި މަރާމާތުކުރަން ބޭނުންވާކަމަށް ވަނީ ދަންނަވާފަ އެވެ.
މީގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަމާއި، ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މިހާރު ހަމަޖެހިފައިވާ 8 ކްލާސްރޫމުގެ އިތުރަށް 8 ކްލާސްރޫމް ބޭނުންވާކަމާއި ސްކޫލާ ގުޅޭ އިތުރުކަންކަމާއި، ދަނޑުވެރިކަންކުރުމަށް ކައިރި ރަށަކުން ބިން ބޭނުންވާކަމާއި، މި ނޫން ވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އުނގޫފާރު އިސްލާމީ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމާއި، ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަޞީލަތުގެ ގޮތުން ކުރިމަތިވާ ދަތިތަކާއި އަދި، މުއައްސަސާތަކުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެެއް ދެއްވާ ކަން ފާހަގަކުރެއްވި އެވެ. އަދި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދާދިފަހުން ގެންނެވި މުހިންމު ބަދަލުތަކާއެކު ތަޢުލީމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ.
ހަމަ އެހެންމެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށްގެންދަވާކަން ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކި މަރުޙަލާތަކުގައި ކުރިޔަށްދާ މަސްރޫޢުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމުގައި މަޝްވަރާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް