އަންނަ މަހު 20 ގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ދިމާކޮށް ސަރުކާރުގެ ގިނަ މުވައްޒަފުން ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރާގޮތައް ގަތަރު ސަރުކާރުން ހަމަޖައްސައިފިއެވެ.
ގަތަރުގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން އެ މުވައްޒަފުންގެ އޮފީސް މަސައްކަތްތައް އަމިއްލަ ގޭގައި ތިބެގެން ކުރާ ގޮތަށް ގަތަރު ސަރުކާރުން ހަމަޖައްސާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށިގެން މުބާރާތް ނިމުމާއި ހަމައަށެވެ.
ިގަތަރުގެ ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުގެ ތަރުޖަމާނު މުހައްމަދު އަލް ހާޖްރީ މިކަމާއި ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ ފިޔަވަޅުތައް އަޅަން ނިންމީ އާންމު މަސްލަހަތަށް ރިއާޔަތްކޮށް އަދި ވޯލްޑްކަޕް މުބާރާތުގެ އިވެންޓްތައް ބާއްވަން ދައުލަތުން ތައްޔާރުވަމުންދާ ތީ މިކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަމަށް ވިސްނާފައި ކަމަށެވެ.
މުހައްމަދު އަލް ހާޖްރީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ ކަންކަމަށް ގެނައި ބަދަލުތަކުގެ އިތުރުސް ގަތަރުގައި ކިޔަވައިދޭ ސްކޫލްތަކަށް ވެސް އެ ސްކޫލުތަކުގައި ކިވައިދޭ ގަޑިތައް ވަނީ މަދުކޮށްފައެވެ. އެގޮތުން މުބާރާތް ފެށެން ދެ ހަފަތާއަށް ވުމުން ގެނައި ބަދަލުތަކާއި އެއްގޮތައް ސްކޫލްތަކުން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އަލް ހާޖްރީ އިތުރަށް ވިދާޅުވީ ވޯލްޑްކަޕް ފަދަ ބޮޑު އިވެންޓަކަށް ތައްޔާރީތައް ވަމުން އަންނައިރު، ގައުމުގެ ގިނަ ކަންކަމަށް ބަދަލުތައް އަންނާނެ ކަމަށާއި އެގޮތުން އަދިވެސް އިތުރު ކަންކަމަށް ބަދަލުގެނައުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.
ގަތަރަކީ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ މެދުއިރުމަތީ ގައުމެވެ. އަދި މި މުބާރާތައް ގާތްގަނޑަކަށް 1.2 މިލިއަން މީހުން ގަތަރަށް ޒިޔާރަތްކުރާނެކަމަށް ގަތަރުގެ ސަރުކާރުން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް