ބޮލީވުޑަށް ނުކުންނަށް މަސައްކަތް ކުރަމުންދާ ޝާހްރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން ތަމްރީން ކުރަން އިސްރާއީލްގެ ސްކްރީން ރައިޓަރެއް ހަމަޖައްސައިފި އެވެ.
އާރްޔަން މަސައްކަތް ކުރަން ބޭނުންވަނީ ކެމެރާގެ ފުރަގަހުގައި ލިޔުންތެރިއެއްގެ ގޮތުގައި އެވެ. އެކަމަކު އެއީ ފެށުން ކަމަށާއި ލިޔުންތެރިއަކުން އޭނާގެ މަސައްކަތް ފެށިނަމަވެސް މުސްތަގުބަލުގައި ވާނީ ފިލްމު ޑައިރެކްޓަރަކަށް ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާރްޔަން މިހާރު ދަނީ ރެޑް ޗިލީސް ޕްރޮޑަކްޝަންގެ ޑްރާމާ ސީރީސްއެއް ލިޔަމުންނެވެ. އެ ޕްރޮޑަކްޝަނުން ގިނަ ސިލްސިލާތަކެއް ނެރެން ތައްޔާރުވަމުންދާއިރު އާރްޔަން ދަނީ އެ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.
އޭގެ ތެރެއިން އާރްޔަން ވާހަކަ ލިޔާ ސީރީސްގައި އިސްކޮށް ސްކްރީން ރައިޓަރެއްގެ ގޮތުގައި އުޅެނީ މަޝްހޫރު ލިއޯ ރަޒް އެވެ. އިސްރާއީލްގެ އެ ލިޔުންތެރިޔާ ލިޔެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ފައުދާ" އާއި މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ހިޓް އެންޑް ރަން" ހިމެނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓްރެއިނަރާއި އެކު އާރްޔަންގެ މަސައްކަތް މިހާރު ފަށާފައިވާއިރު އޭގެ މަސައްކަތްތައް މިއަހަރުގެ ފަހު ކޮޅު ހާމަ ކުރާނެ އެވެ.
އާރްޔަން ވަނީ އިނގިރޭސިވިލާތން ފިލްމު ޕްރޮޑަކްޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް