ސްރީ ލަންކާގެ އާންމު ހާލަތު ބޮއްސުންލުމުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްޝްޔަ އާންމު ތަނެއްގައި ވާހަކަފުޅު ދައްކަވައިފިއެވެ.
މި އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް މަހިންދަ ރާޖަޕަކްޝްޔަ ވާހަކަފުޅު ދައްކަވާފައިމިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ސްރީ ލަންކާ ޕްރޮޑުޖަނަ ޕެރަމުއަ (އެސްއެލްޕީޕީ) އިން ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި އިރު އޭނާއަށް ގައުމުގެ ރައީސްކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން ފުރަތަމަ އޮޅިވަޑައިގެންނެވިއެވެ.
އެގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ގޮތާބޭ، އެ ހިސާބަށް ވިދާޅުވެވުނުތަނާ އެހެން ބޭފުޅަކު މަހިންދަ ރާޖަޕަކްޝްޔަގެ އަރިހަށް ވަޑައިގެން އެކަން ރަނގަޅުކޮށްދިން މަންޒަރު ފެނިގެންދިޔަކަމުގައި ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
މަހިންދަ ރާޖަޕަކްޝްޔަގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް ރަނިލް ވިކްރަމަސިންހަ އަކީ ކުރިން އިދިކޮޅު ފަރާތެއް ކަމަށާއި ނަމަވެސް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ގުޅިގެން ކަމުގައި ވިދާޅުވިއެވެ. އަދި ރަނިލް ގައުމު ގެންދަވަނީ ރަނގަޅު މިސްރާބަށް ކަމަށާއި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް މަހިންދަ ރާޖަޕަކްޝްޔަ ވިދާޅުވިއެވެ.
ގައުމުގެ ހާލަތު ބޮއްސުންލައި އާންމުން މަގުތަކަށް ނިކުމެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މަހިންދަ ރާޖަޕަކްޝްޔަ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގައެވެ.
އެއަސްފަހުވެސް ގައުމުގެ ހާލަތު އިތުރަށް ގޯސްވެ، ގައުމުގެ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ގިނަ ވުޒާރާތަކެއް އާންމުންގެ ކޮންޓްރޯލްގެ ދަށަށް ދިއުމުން، ރައީސްގެ މަގާމުގައި ހުންނެވި، މަހިންދަ ރާޖަޕަކްޝްޔަގެ ކޮއްކޯފުޅު، ގޮތާބޭ ރާޖަޕަކްޝްޔަ ރައްޔިތުންނަށް ފިއްލަވައިގެން ދެދުވަހަކު އުޅުއްވުމަށްފަހު މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ޖެހިގެން އައި ދުވަހު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން ޖުލައި 14ގައި ސިންގަޕޫރުގައި ހުންނަވައިގެން މަގާމުން އިސްތިއުފާ ދެއްވިއެވެ.
ގޮތާބޭ އެނބުރި ގައުމަށް ގޮސްފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް