އައްޑޫ ސިޓީގައި ކުށްކުރާ ބާރަ ގުރޫޕެއް އޮންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވަނީ އައްޑޫގައި މާރާމާރީތައް ހިންގުން އިތުރު ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ހާމަ ކުރެއްވި ގޮތުގައި ކުށްތަަކަށް އަރައިގަންނަ ބާރަ ގުރޫޕަކާއި، ޑްރަގް ނަގާ 1،540 މީހުން ފުލުހުންނަށް ފާހަގަ ކުރެވިފައިވެއެވެ. އަދި އިތުރު ކުށްތަަކށް އަރައިގަންނަ 19 ފަރާތެއް އުޅޭކަމަށް ވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ އަކީ އަމާން ތަނަކަށް ހެދުމަށްޓަކައި މިފަދަ ކުށްތައް ކުރާ މީހުނަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދޭން ޖެހޭ ކަމަށްވިދާޅުވި އެވެ.
މިދަތުރުފުޅުގައި ސީޕީ ވަނީ އައްޑޫގެ ކައުންސިލާއިވެސް ބައްދަލުކުރައްވާ އައްޑޫ ސިޓީގެ ކްރައިމް ޕްރިވެންޝަނާއި އައްޑޫ ސިޓީގައި ފުލުހުން ދެމުން ގެންދަވާ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫ ސިޓީ އަށް ޒިޔާރަތް ކުރައްވާފައި މިވަނީ އެސިޓީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރެވެން ނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިމްރާން ވިދާޅުވިގޮތުގައި އައްޑޫ ސިޓީ އަށް ފުލުހުން އިތުރު ކޮށް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޙިދުމަތް ފޯރުކޮށްދޭން ޖެހިފައިވާތީވެ އެއަދަދު އިތުރު ކުރުމުގައި މިވަގުތު ދަތިތަކެއް އެބަހުރި ކަމުގައެވެ. އެހެންނަމަވެސް އެކަމާއި މެދު ވިސްނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް