އިންޑީއާގެ އެންމެ މަޝްހޫރު ކޮމެޑީ ޝޯ އަކީ "ދި ކަޕިލް ޝަރުމާ ޝޯ" އެވެ.
ދޭތެރެ ދޭތެރެ ކާސްޓުންގެ މެދުގައި މައްސަލަ ޖެހިގެންނާއި ކޯވިޑާއި ހެދި ޝޯ މެދު ކަނޑާލަން ޖެހުނު ނަމަވެސް އަލުން ފަށަ އެވެ. އެންމެ ފަހުން ޝޯ ހުއްޓާލީ އެ ޝޯވެ ވެރި ފަރާތް ނުވަތަ ޝޯ އެ މީހެއްގެ މައްޗަށް ބިނާވެފައިވާ ކަޕިލް ޝަރުމާގެ އަންހެނުން ވިހަން ވާއިރަށް ބްރޭކެއް ނަގަން ޖެހުމާއި ކޯވިޑްގެ ހާލަތު ގޯސްވުމާއި ދެކަން އެއްފަހަރާ ލައިގަނެގެންނެވެ.
އެ ޝޯގައި އާންމުކޮށް އޮންނަނީ މަޝްހޫރު ފަރާތްތައް ގެންގޮސްގެން ހެއްވާ މަޖާ ވާހަކަތަކުގެ ތެރެއިން އެމީހުންގެ ކުރިޔަށް ހުންނަ ފިލްމުތައް ޕްރޮމޯޓު ކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ވާހަކަ ދެއްކުމެވެ. ޝޯ ދައްކަނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9:00 ގައި އެވެ.
މިރޭގެ ޝޯގެ މެހުމާނުންނަކީ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފްގެ ލޯބިވެރިޔާ ވިކީ ކައުޝަލް އާއި އޭނާގެ ކުރިޔަށް އޮތް ފިލްމުގެ ޑައިރެކްޓަރު ސޫޖިތް ސިރްކާރެވެ. އެމީހުން ޕްރޮމޯޓު ކުރަން އެ ޝޯއަށް ދަނީ ފިލްމު "ސަރްދަރް އުދަމް" އެވެ.
އެ ޝޯގެ ތެރެއިން މެހުމާނުންނާއި ސުވާލު ކުރުމުގައި އިންޑިއާގެ މަޝްހޫރު ކޮމީޑިއަނުން ބައިވެރިވެ އެވެ. މިރޭގެ ޝޯގައި އޭގެ ތެރެއިން ވިކީ އާއި ސޫޖިތާއި ސުވާލު ކުރަން ކްރުޝްނާ އަބީޝެކް ހުންނަނީ އަމީތާބަށް ވެގެންނެވެ.
ސޮނީ ޓީވީން އާންމުކޮށްފައިވާ މިރޭގެ ޝޯގެ ޕްރޮމޯގައި އޭނާ އަމީތާބު ވާހަކަ ދައްކާހެން ދައްކަންމުންގޮސް ސޫޖިތު ކައިރީ ބުނަނީ ނިކަން އޭނާ އަތުގައި ހިފާލައިގެން ކުޑަ އިރުކޮޅަކު ހިނގާލަބަލާށެވެ. އޭނާގެ އެދުމަށް ސޫޖިތް ސިރްކާރް އެކުގައި ހިނގަން ފެށުމުން ކަޕިލް ތިކުރަނީ ކީއްތޯ ސުވާލު ކުރެ އެވެ.
އޭގެ ޖަވާބުގައި ކުރުޝްނާ ބުނީ އާންމުކޮށް މީހުން ބުނާގޮތުގައި ސަރުކާރެއް ހިންގުމަކީ މަޖާ އަދި ފަސޭހަ ކަމެއް ނޫން ކަަމަށެވެ. އެކަމަކު އޭނާ ކުޑަ އިރުކޮޅަކަށް ސޫޖިތް "ސިރްކާރް" ހިންގާލީ ކަމަށް ބުންޏެވެ.
އޭނާ އެހެން ބުނުން ވިކީއާއި ކަޕިލްގެ އިތުރު ސޫޖިތުގެ ހިނިގަނޑުވެސް ފަޅައިގެން ދާއިރު މުޅި އޯޑިއަންސް ހޭން ފަށަ އެވެ. މިގޮތަށް އެ ޝޯގައި މީހުން ނުހީ އިނދެވޭނެ އެންމެ ވަގުތުކޮޅެއްވެސް ނާދެ އެވެ.
މިރޭގެ ޕްރޮގްރާމްގައި ކެޓްރީނާ އާއި ދެމީހުންގެ ލޯތްބާއި ގުޅޭގޮތުންވެސް ވިކީ އާއި ސުވާލު ކުރެ އެވެ. މި ޕްރޮގްރާމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާކަން ސޯޝަލް މީޑިއާގައި ދަނީ ހާމަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް