ސާފް ޗެމްޕިއަންޝިޕް 2021: އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް އެފްއޭއެމުން ނިންމައިފި

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް ރާއްޖޭ...

09 Oct 2021 | 12:11

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން ނިންމައިފިއެވެ.

މާދަމާ ހަވީރު ކުޅެން ހަމަ ޖެހިފައިވާ ރާއްޖެ ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު މިއަދު ހެނދުނު 10:00 ޖެހިއިރު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ހެނދުނު ވިއްކާފައިވަނީ ހަމަ އެކަނި ސިޑިބަރީގެ 1200 ޓިކެޓެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ސިޑިބަރީގެ ޓިކެޓް ވިކި ހުސްވެފައިވާއިރު، ގޮނިޑިބަރީގެ ޓިކެޓް ވިއްކާފައެއް ނުވެއެވެ.

އެފްއޭއެމުން ބުނީ ގޮނިޑިބަރީގެ ޓިކެޓް ވިއްކާފައި ނުވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ޓިކެޓު ވިއްކަން ޖެހޭތީއެވެ.

ޓިކެޓް ހޯދަން ގިނަ އަދަދެއްގެ ބަޔަކު ކިޔުހަދާފައި ވާއިރު، މީގެ ތެރެއިން ގިނަ ބަޔަކަށް ޓިކެޓް ލިބިފައި ނުވާތީ އެ ފަރާތްތަކުން ވަނީ އެކަމާއި ހިންހަމަ ނުޖެހުން ފާޅުކޮށް ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ކައިރީގައި މުޒާހަރާ ވެސް ކޮށްފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގޭ ޓިކެޓް ކޮބައިހޭ ގޮވަމުން މުޒާހަރާ ކުރި އިރު އެފަރާތްތަކުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އެފްއޭއެމުން ބަޔާނެއް ވެސް ނެރުނުއިރު، އެ ބަޔާނުގައި ނުބެފައިވަނީ ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ކުޅިބެލުމަށް ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2،500 ޓިކެޓުގެ އިތުރުން ކުޅި ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ ކުޅޭ މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ.

އިތުރަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ ސްޕޮންސަރުންނާއި، ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓުތަކުގެ ތެރެއިން އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށާއި، މި 1،000 ޓިކެޓު ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 8:00 ގައި ޒުވާނުންގެ މަރުކަޒުން ކަމަށެވެ.

މިފަހަރުގެ މުބާރާތަށް އެފްއޭ އެމުން ވިއްކާފައިވާ ޓިކެޓް ތަކުގެ އަގުތަކަށް ބަލާއިރު، ގޮނޑި ބަރީގެ ޓިކެޓެއް އުޅެނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓެއް އުޅެނީ 75 ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް