ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 1،600 ޓިކެޓް ގެންދިޔަ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަން ކަށަވަރުވެއްޖެއެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާއި ސްރީ ލަންކާ ކުޅޭ މެޗަށް ވިއްކުމަށް ހަމަޖެހިފައިވާ 5،000 ޓިކެޓްގެ ތެރެއިން 1،600 ޓިކެޓް ރައީސް އޮފީހުން ނަގައިފައި ވެއެވެ.
ނަމަވެސް މިކަން އެ އޮފީހުގެ އޮފިޝަލަކު ވަނީ ދޮގުކުރައްވާފައެވެ.
"އެއީ ރަނގަޅު މައުލޫމާތެއް ނޫން، އެފަދަ ގޮތަކަށް ރައީސް އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް އިދާރާ، ވުޒާރާއަކުން ޓިކެޓް ނުނަގާނެ ކަމުގެ ޔަޤީންކަން އަރުވަން" އޮފިޝަލް ވިދާޅުވިއެވެ.
މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ފަތިހުންސުރެ ގިނަ ބަޔަކު ކިއު ހަދައިގެން ތިބިއިރު، ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެ، އެސަރަހައްދުގައި ބަޔަކު މުޒާހަރާކޮށްފައިވެއެވެ. އަދި ދަނޑު ތެރެއަށް ވަދެގަނެ، ޓިކެޓް ވިއްކު ގޮތުގެ ރިކޯޑް ވެސް ބައެއް މީހުން ބެލިއެވެ.
ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 2،500 ޓިކެޓް ހުސްވެ، މާދަމާ ރޭގެ މެޗުން އިތުރު 1000 ޓިކެޓް ވިއްކުމަށް އެފްއޭއެމްއިން ދެންމެ ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ނެރުުނު ބަޔާނެއްގައި ވިދާޅުވީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް 1000 ޓިކެޓް ވިއްކަން ނިންމައިފައިވާ ކަމަށެވެ. މިއާއެކު ޓިކެޓް ނުލިބިގެން މުޒާހަރާ ކުރަމުން ދިޔަ ބައެއް ފަރާތްތަކުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް