ސައުދީގެ އެއާޕޯޓުތަކަށް ދޭ ޑްރޯން ހަމަލާތައް އިތުރު ވަނީ

ސައުދީ އަރަބިއްޔާގެ ޖަޒާން ސިޓީގެ ކިންގް އަބްދުﷲ އެއާޕޯޓަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއްގައި 10 މީހުން ޒަހަމް ވެއްޖެ އެވެ. މި ހަމަލާތަކުގައި ޒަހަމްވެފައިވަނީ ސައުދީގެ ހަ މީހުންނާއި ބަންގްލަދޭޝް...

09 Oct 2021 | 10:08

ސައުދީ އަރަބިއްޔާގެ ޖަޒާން ސިޓީގެ ކިންގް އަބްދުﷲ އެއާޕޯޓަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއްގައި 10 މީހުން ޒަހަމް ވެއްޖެ އެވެ.

މި ހަމަލާތަކުގައި ޒަހަމްވެފައިވަނީ ސައުދީގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ތިން މީހުންނާއި ސޫދާން މީހެކެވެ. މީގެ ތެރެއިން ފަސް މީހެއްގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނާއިރު އަނެއް ފަސް މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ސައުދީ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޑްރޯން ބޭނުން ކޮށްގެން ދެ ހަމަލާއެއް އެ އެއާޕޯޓަށް ދޭން މަސައްކަތް ކުރިއެވެ. 10 މީހުން ޒަހަމްވެފައިވަނީ ރޭ ދޭން މަސައްކަތް ކުރި ފުރަތަމަ ހަމަލާގަ އެވެ. ދެ ވަނަ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ. އެކަމަކު މި ހާދިސާ ހިނގާފައިވާ ޖަޒާން ސިޓީ އަކީ ޔަމަނާއި ބޯޑު ގުޅޭ ސަރަހައްދުގައި އޮންނަ ސިޓީއެއް ކަމުން އެއީ ހޫތީންގެ ހަމަލާއެއް ކަމަށް ސައުދީ ސަރުކާރުން ގަބޫލު ކުރެ އެވެ.

މިދިޔަ ބުދަ ދުވަހު ހޫތީން ވަނީ ސައުދީގަ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އަބާ ސިޓީގެ އަބާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ޑްރޯން ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެ ތަނުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުން ޒަހަމްވި އެވެ.

އޭގެ ކުރިން މިދިޔަ އޮގަސްޓު 31 ވަނަ ދުވަހުވެސް ވަނީ ހަމަ އެ އެއާޕޯޓަށް ޑްރޯން ހަމަލާ ދީފަ އެވެ. އެހަމަލާގައި އަށް މީހަކު ޒަހަމްވެ ކުޑަ އެއާކްރާފްޓަކަކަށް ގެއްލުންވެފަވެ އެވެ.

އިރާންގެ އެއްބާރުލުމާއި އެކު ހަނގުރާމަ ކުރާ ހޫތީންގެ އަމާޒަކަށް ސައުދީ ވެފައިވަނީ އެމީހުންނާއި ދެކޮޅަށް ސައުދީ އިސްވެ އޮވެ ކޯލިޝަނެއް ހަދައި ޔަމަނު ސަރުކާރާއި ގުޅިގެން ހަމަލާދެމުންދާތީ އެވެ. އެ ހަމަލާތައް ދޭން ފެށީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް