ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ހައްޔަރު ކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޕީއޭ

ރާއްޖެއަށް ދުނިޔޭގެ އެކި ހިސާބުތަކުން ހިޖުރަ ކުރާ ދޫނި ހިފާ ހައްޔަރު ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ. އީޕީއޭ އިން ފާހަގަ ކުރި ގ...

09 Oct 2021 | 09:24

ރާއްޖެއަށް ދުނިޔޭގެ އެކި ހިސާބުތަކުން ހިޖުރަ ކުރާ ދޫނި ހިފާ ހައްޔަރު ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭ އިން ފާހަގަ ކުރި ގޮތުގައި އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ މިދުވަސްވަރަކީ ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ދުވަސްވަރެކެވެ. އަދި މިގޮތަށް ހިޖުރަ ކުރާ ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި ބެހޭ ގާނޫނު (ޤާނޫނު ނަންބަރު 93/4) ގެ ދަށުން ހެދިފައިވާ ޤުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ޤަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދޫންޏެކެވެ.

މިގޮތަށް މިޤަވާއިދު ހެދިފައިވީ ނަމަވެސް ކޮންމެ އަހަރަކުވެސް މިދުވަސްވަރު މިފަދަަ ދޫނިތައް ހިފާ ހައްޔަރުކޮށް ހެދުމަކީ އީޕީއޭ އިން ނުހަނު ކަންބޮޑުވާ އަދި ހިތާމަ ކުރާ ކަމެއްކަމަށް ބުނެ އެވެ.

ހިޖުރަ ކުރާ ދޫންޏާއި ބެހޭގޮތުން އިތުރަށް ބުނީ ފުޓްބޯޅަދަނޑުތަކުގައާއި، ހާމައަށް ހުންނަ ބިންތަކުގައި މަޅިފައްޗާއި ދަންތުރަތަކާ އެކިއެކި އާލާތްތައް ބޭނުންކޮށްގެން ދޫނި ހިފާކަމުގެ ޝަކުވާ އީޕީއޭ އަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރި ވެލައްވާފައިވެއެވެ.

ހަމަ އެހެންމެ މި މޫސުމުގައި ޒިޔާރަތްކުރަމުންދާ ދޮންދޫންޏާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ދިރުންތަކެއް ކަމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާ ކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކޮށްފަވެ އެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު 93/4 ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދާއި ޤުދުރަތީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއި ބެހޭ ޤަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް