ކައިވެނި ކުޑަތަން ވަނިކޮށް ޖަޕާނުގެ ޕްރިންސަސް މަކޯއަށް ނިދި ގެއްލުމާއި ފިކުރު ކުރުމުގެ ބަލި ޖެހިއްޖެ!

ޖަޕާނުގެ ޕްރިންސަސް މަކޯ، ޝާހީ އާއިލާ އާއި ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު ކޮލެޖު ލޯބިވެރިޔާ ކޭ ކެމޫރޯ އާއި ކުރާ ކައިވެންޏަށް ކުޑަތަން ވެފައިވަނިކޮށް ނިދި ގެއްލުމާއި ފިކުރުމުގެ ބަލި ތަހައްމަލް ކުރަން ޖެ...

09 Oct 2021 | 09:03

ޖަޕާނުގެ ޕްރިންސަސް މަކޯ، ޝާހީ އާއިލާ އާއި ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު ކޮލެޖު ލޯބިވެރިޔާ ކޭ ކެމޫރޯ އާއި ކުރާ ކައިވެންޏަށް ކުޑަތަން ވެފައިވަނިކޮށް ނިދި ގެއްލުމާއި ފިކުރުމުގެ ބަލި ތަހައްމަލް ކުރަން ޖެހިއްޖެ އެވެ.

ދެ ލޯބިވެރިންގެ ކައިވެނި މި މަހުގެ 26 ވަނަ ދުވަހު ރެޖިސްޓްރީ ކުރާނެ އެވެ. އެކަމަކު މި ކައިވެނި ރަސްމީކޮށް ފާހަގަ ކުރެވެން ނެތް ކަން ޝާހީ އާއިލާގެ އެޖެންސީން ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ.

ކުރިން ހަމަޖައްސާފަ އޮތީ ޝާހި އިއްޒަތުގައި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާށެވެ، އެކަމަކު ޕްރިންސަސް މަކޯ އާންމުންގެ މީހަކާއި ކައިވެނި ކުރާތީ ޖަޕާން ރައްޔިތުންގެ ފަރާތުން އެކައިވެންޏަށް ތާއީދު ނުކުރުމުގެ އިތުރުން އެކަމަނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޖަޕާނު ރައްޔިތުންނާއި މީޑިއާއިން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޕްރިންސަސް މަކޯއަށް މިދިޔަ މަހު ފަހުކޮޅުން ފެށިގެން ވަނީ ޕީޓީއެސްޑީ ތަހައްމަލް ކުރަން ޖެހިފަ އެވެ. އެކަން ހާމަ ކުރީ ޖަޕާން ޝާހީ އާއިލާއިންނެވެ. އެކަމަކު ޕްރިންސަސް މަކޯގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ޖަޕާނު ރައްޔިތުން ގަބޫލު ކުރާގޮތުގައި ޕްރިންސަސް މަކޯ އާދައިގެ ރައްޔިތަކާއި ކައިވެނި ކުރުން ވެގެންދާނީ އެ ގައުމުގެ ރައްޔިތުން ލަދުގަންނަވާލުން ފަދަ ކަމަކަށެވެ. އެކަމަކު އެ ވާހަކަތައް ގަބޫލްު ކުރަން ދެކޮޅު ހަދައި ޕްރިންސަސް މަކޯ ވިދާޅުވަމުން ދަނީ ލޯބިވާ ކޮންމެ މީހަކާއި ކައިވެނި ކުރުމުގެ ހައްގު ޝާހީ އާއިލާގެ މެމްބަރުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޖަޕާނު މީޑިއާއިން ދަނީ އެ ކައިވެންޏާއި ގުޅިގެން އުފެދިފައިވާ އަދި ހިނގާފައިވާ ކުދި ކުދި ކަންކަން ނަގައި ބޮޑެތި މައްސަލަތައް އުފެދޭ ގޮތަށް ރިޕޯޓު ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކޭ ކެމޫރޯގެ މަންމަ އާއި ގުޅޭ ފައިސާގެ މައްސަލަތަކެވެ.

ޕްރިންސަސް މަކޯ އާއި ކެމޫރޯގެ ކައިވެނި ކުރަން ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. އެކަމަކު ކުއްލިއަކަށް ކައިވެނި ފަސް ކުރަން ޖެހުނީ ކެމޫރޯ މަތީ ތައުލީމް ހާސިލްކޮޮށް މަންމަގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސީ މަންމަގެ ލޯބިވެރިޔާ ދިން ފައިސާއިން ކަމަށް ބުނާ މައްސަލައެެއް މީޑިއާއަށް ތިލަވުމުންނެވެ.

އަދި އެ ފައިސާ އަނބުރާ ބޭނުންވާ ކަމަށް މީޑިއާގައި އެމީހާ ބުނުމުންނެވެ. އެހެންވެ އެ ދުވަސްވަރު ކެމޫރޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މަންމަގެ ލޯބިވެރިޔާ ހަރަދު ކުރި ކަމަށްބުނާ ހުރިހާ ފައިސާއެއް ދޭން އޭނާ ތައްޔާރަށް ހުރިކަން އިއުލާނުކޮށްފަ އެވެ.

އެ މައްސަލަ ގަނޑުގެ މަތިޖަހަން ޖަޕާން ޝާހީ އާއިލާއިން ބުނެފައިވަނީ މިދިޔަ އަހަރު ކުރަން އޮތް ޕްރިންސަސް މަކޯ އާއި ކެމޫރޯގެ ކައިވެނި ފަސް ކުރީ ޝާހީ ކައިވެނިތަކަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ނުވެވިގެން ކަމަށެވެ.

އުމުރުން 29 އަހަރުގެ މި ދެ ލޯބިވެރިން އެންގޭޖް ވެފައިވަނީ 2017 ވަނަ އަހަރު އެވެ. އެމެރިކާގައި ގާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލް ކުރަމުންދިޔަ ކެމޫރޯ ވަނީ ކިޔަވާ ނިންމުމަށް ފަހު މިދިޔަ މަހު ކައިވެންޏަށް އެނބުރި ޖަޕާނަށް ގޮސްފަ އެވެ. މި ކައިވެންޏަށް ޝާހީ އާއިލާ ފުރިހަމައަށް ރުހުން ދީފައި ވީނަމަވެސް ރައްޔިތުންގެ ޕްރެޝަރު ބޮޑުވެފައިވާތީ ވަރަށް ބޮޑެތި ފިއްތުންތަކާއި ދަނީ ކުރިމަތިވަމުންނެވެ.

ކައިވެންޏާއި އެކު ޕްރިންސަސް މަކޯ ޝާހީ އާއިލާ ދޫކޮށްލަން މަޖުބޫރުވަނީ ޝާހީ އާއިލާއަށް ނިސްބަތްވާ މީހަކު އާންމުންގެ މީހަކާއި ކައިވެނި ކުރެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު ތަކާއި ޝާހީ އާއިލާގެ ގަވައިދުތަކުގައި ނޯންނާތީ އެވެ. އާންމު މީހަކާއި ކައިވެނި ކުރާތީ ޝާހީ އާއިލާގެ ކައިވެނިތަކަށް ސަރުކާރުން ދޭ އެއް މިލިއަން ޑޮލަރުވެސް އޭނާއަށް ނުލިބޭނެ ކަން ވަނީ އަންގާފަ އެވެ.

ކައިވެންޏަށް ފަހު ދެމަފިރިން ޖަޕާނު ދޫކޮށް އެމެރިކާގެ ނިއުޔޯކަށް ދިރިއުޅުން ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް