އުރީދޫ ސާފްޗެމްޕިއަންޝިޕް 2021ގައި މާދަމާ ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް ހުސްވެ، ނުލިބިގެން ގަލޮޅު ދަނޑު ކައިރީގައި އެތައް ސަތޭކަ ދިވެހިން މުޒާހަރަކޮށް، އެފްއޭއެމްގެ ވެރިންގެ އިސްތިއުފާއަށް ވެސް ގޮވަމުން އެބަ ގެންދެ އެވެ.
މުޒާހަރާ ކުރާ މީހުން ގޮވަމުން ދަނީ "ކޮބާހޭ، މަގޭ ޓިކެޓު" އަދި ބައްސާމްގެ އިސްތިއުފާ އަށެވެ.
އެފްއޭއެމުން ހަމަޖައްސާފައި ވަނީ ކޮންމެ މެޗަކަށް 5،000 ޓިކެޓް ވިއްކާށެވެ.
މާދަމާ ހަވީރު 4ގައި ރާއްޖެ-ލަންކާ މެޗުގެ ޓިކެޓްތައް ވިއްކަން ފެށީ މިއަދު ހެނދުނު 10:00ގަ އެވެ. އެކަމަކު ބައެއް މީހުން ބުނީ ވިއްކަން ނެރުނީ އެފްއޭއެމުން ބުނެފައިވާ އަދަދު ނޫން ކަމަށެވެ. އެހެންކަމުން ދެން ހުރި ޓިކެޓްތަކަށް ވީ ކީއްތޯ، އެއްވެފައި ތިބި މީހުން ސުވާލުކުރެ އެވެ.
އޮލިމްޕަސް ކުރިމަތިން ދަނޑު ކައިރީގައި އެއްވެ ތިބި މީހުންގެ ޝަކުވާއާ އެއްވަރަށް އެފްއޭއެމްގެ ވެރިންނަށް އަމާޒުކޮށްގެން ވެސް އަޑުއުފުލަމުން އެބަ ގެންދެ އެވެ. އަދި ޓިކެޓް ކިއޫ، ދަނޑުގެ މަޖީދީ މަގަށް ވާ ގޮތަށް ހުރި ކައުންޓަރުން ފެށިގެން ބަނަފުސާ ގޯޅިން ދެކުނަށް އޮތީ ދަމާލައިފަ އެވެ.
މި ވަގުތު ފުލުހުން ދަނީ އާންމުން މައިތިކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި ބެކަޕްގެ ގޮތުގައި އިތުރު ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް