މާލޭގައި އެންމެ ފުރަތަމަ ގަރާޖު ވިޔަފާރި ކުރި މީހުންގެ ތެރޭގައި ހިމެނޭ ހަސަން ޤާސިމް (ހަސަންފުޅުބެ) ނިޔާވެއްޖެއެވެ.
މާލެއަށް އުފަން ހަސަންފުޅުބެ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަސަންފުޅުބެގެ ގަރާޖުން ޙިދުމަތް ހޯދި ދެކެފަރިތި ގިނަ މިތުރުން ތަކެއް މިއަދު މީސް މީޑީޔާގައި ހަސަަންފުޅުުބެ އަށް ތައުޒިޔާ ކިޔަމުން އެބަދެއެވެ.
އުމުރުން 76 އަހަރުގައި ހަސަންފުޅުބެ ނިޔާވީ މުސްކުޅި ބަލީގައި އެވެ. ލ
ހަސަންފުޅުބެގެ ޖަނާޒާ ބޭއްވުން ހަމަ ޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ހަސަންފުޅުބެ ގަރާޖުގެ ޙިދުމަތް ދޭން ފެށީ މީގެ 47 ވަރަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ފޯރުކޮށްދޭން ފެށީ ބައިސްކަލުގެ މަރާމާތުގެ ޙިދުމަތެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މާލޭގައި ސައިކަލުތައް ގިނަވުމާއިއެކު ހަސަންފުޅުބެގެ ގަރާޖުންވެސް ސައިކަލު މަރާމާތު ކުރުމުގެ ޙިދުމަތް ފޯރުކޮށްދޭން ފެށިއެވެ. ރާއްޖޭގެ ގިނަ ޒުވާނުން ހަސަންފުޅުބެ ސިފަކުރަނީ މި މަސައްކަތުގައި ރާއްޖޭގެ "ކިންގް" ގެ ގޮތުގައެވެ. ހަސަންފުޅުބެއަކީ ގިނަ ޒުވާނުންނާ ގާތް ގުޅުމެއްބާއްވާ،ސައިކަލާ ބައިސްކަލުގެ ކުދި ކުދި މަރާމާތުތައް ހިލޭ ކޮށްދިން ޙިދުމަތްތެރިއެކެވެ. އެހެން ގަރާޖުތަކުން މިކަން ނަމޫނާއެއްގެ ގޮތުގައި ބަލައި ހަސަންފުޅުބެގެ ގަރާޖުން ހިލޭ ފޯރުކޮށްދެމުންދިޔަ ވައި ޖެހުމާއި، ލޯގަނޑު ބަދަލު ކުރުން ފަދަ ކުދި މަރާމާތުތައް ހިލޭ ފޯރުކޮށްދޭންފެށިއެވެ.
ހަސަންފުޅުބޭގެ ޒުވާން ދުވަސްވަރު ފެށި މި މަސައްކަތް ކުރަމުން އައީ އެކަނި ނަމަވެސް ފަހުން ވަނީ މި ޙިދުމަތް ފުޅާކޮށް މަސައްކަތް ކޮށްދޭނޭ ބިދޭސީ މީހުންލާފައެވެ. ނަމަވެސް ހަސަންފުޅުބެވަނީ މި މަސައްކަތް ކޮށްދޭނޭ ބިދޭސީ މީހުން ތިއްބަސް އެމީހުންގެ މަސައްކަތް ގާތުން ބަލަމުން އެހީތެރިވަމުން އައިސްފައެވެ. ހަސަންފުޅުބޭގެ ގަރާޖުން ޙިދުމަތް ހޯދަން ދާ ގިނަ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި ހަސަންފުޅުބެ އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އަދި ގިނަފަހަރު ޙިދުމަތް ހޯދަން ދާއިރު ހަސަންފުޅުބެއާއި ދިމާވާކަން ފާހަގަ ކޮށްފައިވެއެވެ. ކަންކުރަންވީ ގޮތުގެ އިރުޝާދު ބިދޭސީންނަށް ފޯރު ކޮށްދެމުން އެމީހުނަށް އެހީތެރިވުމުގައި އުޅޭކަން ފާހަގަ ކޮށްފައިވެއެވެ. އަދި މިފަދަ ޙިދުމަތްތެރިން މަދު ވާނެ ކަމަށްވެސް ބަޔަކު އަންނަނީ ހާމަ ކުރަމުންނެވެ.
ހަސަންފުޅުބޭގެ ތިން ދަރިން ތިބިއިރު އެކުދިންނަކީވެސް ކިޔަވައިގެންތިބި ޙިދުމަތްތެރި މަސައްކަތްތެރި ކުދިންކަން ފާހަގަ ކޮށްލެވެއެވެ. މިކުދިންނަށް ކިޔަވައިދީ ހުރިހާ ކަމެއް ހަސަންފުޅުބޭ ކޮށްދީފައިވަނީ ގަރާޖުވިޔަފާރީގެ މަސަައްކަތް ކޮށްގެންނެވެ.
ހަސަންފުޅުބޭގެ ދަރިއަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބައްޕަ ސިފަ ކޮށްދީފައިވަނީ ބައްޕައަކީ ސުޕަހީރޯ އެއްކަމުގައެވެ. ދުނިޔޭގައި އުޅެންވީގޮތް ދަސްކޮށްދީ، ކޮންމެ ކަމެއް ދިމާ ވިއަސް ހިތްވަރުދޫނުކޮށް ކުރިއަށް ދާން އަބަދުވެސް ނަސޭހަތް ދެއްވި ކަން ފާހަގަ ކޮށް، މީހުންނަށް ހެޔޮ މީހަކަށް ވުމަށާއި، ހެޔޮ އަމަލުތަަކަށް އިސްކަން ދިނުމަށް އަބަދުވެސް ނަސޭހަތްތެރިވެފައިވެއެވެ.
ނިންމާލަމުން ހަސަންފުޅުބޭގެ ދަރިފުޅު ވަނީ ބައްޕައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކޮށްފައެވެ.
މާތްﷲ ހަސަންފުޅުބެގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ! އާމީން. އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
އާމީން..!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް