މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަން ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ނ.އ.އ.ވ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ނިއު ޔޯކުން ދުބާއީއަށް, އަދި ދުބާއީން މާލެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް އަޑު އެއްސެވި އެއްވާހަކައަކީ މޫސުމީ ބަދަލުތަކުގެ ވާހަކަތައް ކަމަށެވެ. މި ވާހަކަތައް އަޑު އައްސަވާކަން ފާހަގަކުރައްވައި ޝާހިދު ވަނީ މިކަމާއި ގުޅޭ ޚާއްސަ ބައްދަލުވުމެއް އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްގެންދަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިކަމާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއް އޮކްޓޯބަރު 26 ވަނަ ދުވަހު ބާއްވަން ނިންމައި، ގައުމުތަކުން އދ. އަށް އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުންނަށް ސިޓީއަކުން މިހާރު ވަނީ އަންގަވާފައެވެ. މި ސިޓީގައި ވަނީ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އާންމު މަޖިލީހުގައި އެއް ދުވަހުގެ ބަހުސެއް ކުރިއަށްދާނެ ކަމަށެވެ.
ބަހުސް ނުވަތަ މަޝްވަރާތައް ކުރިއަށްގެންދަން ނިންމާފައިވަނީ ކޮޕް26 އަށް ތައްޔާރުވުމުގެ ގޮތުންނާއި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށާއި، މޫސުމީ ބަދަލުތަކަކީ ބައިނަލްއަގުވާމީ ކަންކަމުގެ ތަރުތީބުން އެންމެ ޚާއްސަ އިސްކަމެއްދޭ އެއް ކަންތަކަށް ހެދުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، މާލީ ގޮތުން މިކަމަށް ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން ވާހަކަ ދެކެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރެވޭނެ ކަންތަކާއި، ކޯވިޑް-19ގެ ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއެކުވެސް މިކަން ކުރެވޭނެ ގޮތަކަށް ވާހަކަދެއްކޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް