އަފްގާނިސްތާނުގެ ކުންދުޒް ސިޓީގެ މިސްކިތެއްގައި ޖާނުން ފިދާވެގެން މީހަކު ބޮން ގޮއްވާލި ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.
ބޮން ގޮއްވާލާފައިވަނީ އިއްޔެ މީހުން ހުކުރު ނަމާދަށް ތިއްބަ އެވެ. އެވަގުތު މިސްކިތުގައި 300 މީހުން ނަމާދަށް ގޮސް ތިއްބެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި 100 އަށްވުރެ ގިނަ މީހުންނަށް މި ހަމަލާގައި ސީރިއަސް ޒަހަމްތައް ލިބިފައިވާތީ މަރުވި މީހުން އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ ވެދާނެ ކަމެއް ކަމަށެވެ.
އދ. އިން ވަނީ މި ހަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމާއަތުން ބުނީ ހަމަލާ ދިނުމުގައި ދީނީ އަޅުކަންތައް ކުރާ ތަންތަނަށް ހަމަލާ ދިނުމަކީ ހަމަނުޖެހުން އުފެދުން އިތުރުވާން ފަށާނެ ކަމުގެ ނިޝާނެއް ކަމަށެވެ.
މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައިއެސްއިން އެ ގައުމުގައި ބޮމުގެ ހަމަލާދިން ތި ވަނަ ފަހަރެވެ. އެންމެ ފުރަަތަމަ މިސްކިތެއްގައި ކަށު ނަމާދު ކުރަނިކޮށް ބޮމެއް ގޮއްވާލި އިރު ފަހުން ވަނީ ސްކޫލަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފަ އެވެ.
އިއްޔެގެ ހަމަލާ އާއި ގުޅިގެން މިއަދު ތޯލިބާނުންނާއި އެމެރިކާ ޑިޕްލޮމެޓުން ބާއްވަން ހަމަޖައްސާފަ އޮތް ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ. އެ ބައްދަލުވުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބާއްވަން ހަމަޖައްސާފަ އޮތް ބައްދަލުވުމެކެވެ.
އަފްގާނިސްތާނުގައި އެމެރިކާ ސިފައިންގެ ކޮންޓްރޯލް އޮތް އިރު ތޯލިބާނުން ވެސް ދޭތެރެ ދޭތެރެއިން މިފަދަ ހަމަލާތައް ދޭތީ އާންމުން ގަބޫލު ކުރީ ތޯލިބާނުން ވެރިކަމަށް އައުމުން އެ ގައުމުގައި އެފަދަ ހާދިސާތައް ހިނގުން މަދުވާނެ ކަމަށެވެ.
އެކަމަކު އައިއެސް ޖަމާއަތްވެފައިވަނީ ތޯލިބާނުންގެ ވެރިކަމަށް އޮތް ނުރައްކަލަކަށެވެ. އަދި އެ ޖަމާއަތުން ދަނީ އަފްގާނިސްތާނުގެ ސަލާމަތާއި ރައްކާތެރިކަން ތޯލިބާނުންނަށް ކަށަވަރު ނުކޮށްދެވޭނެކަން ސާބިތު ކޮށްދެމުންނެވެ.
އިއްޔެގެ ހަމަލާ އާއި ގުޅިގެން ތޯލިބާނުން ވަނީ އައިއެސް ޖަމާއަތަށް ތާއީދު ކުރާ ގިނަ ބަޔަކު ހައްޔަރުކޮށް ދެ ފަރާތަުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި ބައެއް މީހުން މަރާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް