ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި އިވެލުއޭޓްކޮށްގެން ގެންދިއުމަށް ވާނީ އަންގާފައި: އޭސީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގައި ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓް ކޮށްގެން ކުރިއަށްގެންދިއުމަށް ހައުސިން މިނިސްޓްރީއަ...

09 Oct 2018 | 11:00

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގައި ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓް ކޮށްގެން ކުރިއަށްގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާނެކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމާބެހޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގޯތިދޫކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އަމަލުކުރަންވީ ގޮތުގެ ލަފާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވާފައިވާނެކަމަށެވެ.

އެގޮތުން މިމައްސަލައާގުޅިގެން ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ހައުސިންގ މިނިސްޓްރީން ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހުޅުވާލާފައިވާ 400 ގޯތިތަކަކީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުން ދޫކުރަންޖެހޭ ގޯތިތަކެއްކަން ޤާނޫނު ނަންބަރު 4/2008 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ބިމާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އަށް ގެނެސްފައިވާ އިޞްލާޙުގައި “ދިރިއުޅުމަށް ގޯތި ދޫކުރުން” މާނަކޮށްދީފައިވާ ގޮތުން އެނގޭ ކަމަށާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަންވާނީ އާއްމުކޮށް އިޢުލާންކޮށްގެންނެވެ. އަދި އެ މާއްދާގައި އިއުލާނުގައި ހުންނަންޖެހޭނެ ޝަރުޠުތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ ފުރަތަމަ އިސްލާޙު (ގަވާއިދު ނަންބަރު 51-2018/R)ގެ 3 ވަނަ މާއްދާއިން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 15 ވަނަ މާއްދާއަށް އިޞްލާޙު ގެނެސް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށްހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާޢީ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ ހުރިހާ ބިންތަކެއް ހައުސިންގ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ބޭނުންކުރައްވާގޮތަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗް.ޑީ.ސީ އަށް ސިޓީއަކުން އަންގާފައިވެއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަޤްޞަދަކީ އެޗް.ޑީ.ސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންކަމަށާއި، އެގޮތުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށާއި، އަދި މީޑިއަމް-ހައި އެންޑް އަށް ޚާއްޞަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް -/2000 (ދެހާސް) ރުފިޔާގެ ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާކަމަށާއި، ސޯޝަލް ހައުސިންގ ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީންކަމަށް 3 އޮކްޓޫބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައުސިންގ މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެއެވެ. އަދި މި ސިޓީގައިވާ ކަންތައްތައް ބަޔާންކުރުމަށްފަހު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅުކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗް.ޑީ.ސީ އަށް ސިޓީއެއް ފޮނުވާފައިވެއެވެ." އޭސީސީން މައްސަލަ ބެލުމަށްފަހު ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ހައުސިންގ މިނިސްޓްރީން ސޯޝަލް ހައުސިންގގެގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ އެޗް.ޑީ.ސީގެ ޑިރެކްޓަރުންގެ ބޯޑުން އެ ބިންތައް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރުމަށް ނިންމައި، އެ ޕްރޮސެސް ކުރިޔަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައިވާނަމައެވެ. މިގޮތުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުންކަމަށް އެޗް.ޑީ.ސީ އިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާކަމަށެވެ.

"މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވަނީ، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އެޗް.ޑީ.ސީއިން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން ދޫކުރުމަށްކަން ފާހަގަކުރެވެއެވެ." އޭސީސީން މައްސަލަ ބެލުމަށްފަހު ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވާފަދައިން މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުޞޫލެއް އެކުލަވައިލައި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުޞޫލު އާއްމުކޮށް ޝާއިޢުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިޔަށް ގެންދިއުމަށް މިކޮމިޝަނުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް