ޝަރީފާއި އަކްރަމަށް ވަގަށް ގޮވި މައްސަލަ ފުލުހުންނާއި ބްރޯޑް ކޮމްއަށް!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އަހުމަދު އަކްރަމަށް ވަގަށް ގޮވި މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ. އެ ދެ ބޭފުޅުންނަށް ވަގަށް ގޮވީ ވެރ...

09 Oct 2018 | 07:55

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އަހުމަދު އަކްރަމަށް ވަގަށް ގޮވި މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

އެ ދެ ބޭފުޅުންނަށް ވަގަށް ގޮވީ ވެރިކަން ކުރާ ޕީޕީއެމްއިން މަދު ބަޔަކާއި އެކު ކޮންމެ ރެއަކު ބާއްވަމުން އަންނަ އެއްވުމުގެ ތެރެއިން ރޭގެ އެއްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އެވެ.

އެ ދެ ބޭފުޅުންވެސް ނިންމަވާފައިވަނީ ވަގަށް ގޮވި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށަހެޅުމަށެވެ. އަދި މުއާޒުގެ އެ ވާހަކަތައް ވަގުތުން ދެއްކި މައްސަލައިގަ ޗެނަލް 13 އާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށެވެ.

ޝަރީފު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އޭނާއާއި ކޮމިޝަންގެ އެއްވެސް މެންބަރަކުވެސް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ވައްކަމަކަށް މަގުފަހިވާ ކަމެއް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި މުއާޒު ވިދާޅުވީ ވޯޓުގައި ބޮޑު ތަނުން ވައްކަން ކޮށްފައިވާ ކަމަށާއި ޝަރީފާއި އަކްރަމަކީ ވަގުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރަކު މިވަގުތު ސްރީލަންކާގައި ތިއްބެވުމާ ގުޅިގެން އެ މެންބަރުންނަށް އިޝާރާތް ކުރައްވާ މުއާޒު ވަނީ "ފާޑު ފާޑުގެ އެއްޗެހި ބޮއެގެން" ބަޔާންތައް ނުނެރުމަށް މެންބަރުންނަށް ގޮވާލައްވާފަ އެވެ.

ކޮންމެ ރެޔަކު ޕީޕީއެމްއިން މުޒާހަރާ ކުރަމުން ދަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. މަދު ބަޔަކު ބައިވެރިވާ އެ މުޒާހަރާ ކުރިއަށް ގެންދަނީ އެއްވުން މަނާ ސަރަހައްދެއްގަ

އެވެ.

އީސީން މީގެ ކުރިން ވަނީ ޕީޕީއެމުން ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާނުލައިފިނަމަ އެޕާޓީއާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް