ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ފަށައިފި އެވެ.
އިދިކޮޅު މެންބަރުން މީޑިއާގައި ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެކަމަށް 42 މެންބަރުންގެ ސޮއި ބޭނުންވެ އެވެ.
ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ރައީސް މައުމޫނާއެކު ތިއްބެވި މެންބަރުންނާއި، އަދާލަތު ޕާޓީގެ މެންބަރުގެ އިތުރަށް ޕީޕީއެމާއި، އެމްޑީއޭގެ ބައެއް މެންބަރުންވެސް ސޮއިކުރާނެކަމަށެވެ.
އެކަމަކު މިހާތަނަށް އެ މައްސަލައިގަ ސޮއި ކުރެއްވީ ކިތައް މެންބަރުން ކަމެއް ހާމައެއް ނުކުރެ އެވެ. އަދި މައްސަލަ ވައްދާނީ ކިހާތާކުކަމެއްވެސް ހާމައެއް ނުކުރެ އެވެ. މިއީ މަސީހުގެ އިތުބާރު ނެތްކަމަށް ފާސް ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ.
އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލަ ނިންމުމަށް މެއި 27، 2017 ގައި ނެގި ވޯޓުން، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓު ލާން ބޭނުންކުރާ މެޝިންގެ ބަދަލުގައި މެމްބަރުން އަތް އުފުލައިގެންނެވެ. އެ ގޮތަށް ވޯޓު ނަގަން ނިންމުމުން، އިދިކޮޅު މެމްބަރުން އެ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި އެވެ.
ދެ ވަނަ މައްސަލައެއް ހުށަހެޅިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއިގެ އަދަދު 42 އަށް އިތުރު ކޮށް މަޖިލީހުގެ ގަވާއިދު އިސްލާހް ކުރި އެވެ. އެ އިސްލާހު ފާސްކުރުމުން 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، އެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް