ހއ. ހޯރަފުށީގައި ގެއަކުން ވަގަށް ފައިސާތަކެއް ނެގި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. އެމީހުން ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފުލުހުން މިހާރު ވަނީ ހޯދާފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ވަގަށް ނަގާފައިވަނީ އެ ރަށުގައި މަސައްކަތް ކުރާ މިސްރުގެ ޑޮކްޓަރަކު ޗުއްޓީއަށް ދިއުމަށް ބޭންކުން ނެގި ފައިސާތަކެކެވެ. އޭނާ ފައިސާ ބަހައްޓާފައި ހުރީ އަލަމާރީގައި އެވެ.
ފުލުހުން ބުނީ ގެއެއްގެ އަލަމާރީގައި ހުއްޓަ 111،000 ރުފިޔާ ވަގަށް ނެގި ކަމަށެވެ. އަދި އޭގެ ތެރެއިން 63،500 ރުފިޔާ ހޯދާފައިވާ ކަމަށާއި އެކަން ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ފުލުހުން ބުނީ އެ ފައިސާތައް ފެނިފައިވަނީ އެގެ ތެރެއިން 34 އަހަރުގެ މީހާގެ ގޭގެ ބަދިގެ ތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގައި އޮތް ސިޓީ އުރައަކުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދަނީ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް