ޗެލްސީއާއެކު އެއްބަސްވުން އާ ކުރުމާމެދު ގޮތެއް ނިންމަން އުނދަގޫ ކަމަށާއި، ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ދެކޭ ހުވަފެނެއްކަމަށް ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ އެޑެން ހަޒާޑް ބުނެފިއެވެ.
އެހެން ކުލަބުތަކުގެ ކަޅިތައް ހަޒާޑަށް އަމާޒުވަމުން ދާއިރު، ޗެލްސީން އަންނަނީ ހަޒާޑްގެ އެއްބަސްވުން އާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެނަސް، ބެލްޖިއަމްގެ ތަރި މިހާތަނަށް ވެސް ކޮންޓްރެކްޓް އާ ކުރުމާމެދު ގޮތެއް ނިންމާފައި ނުވާއިރު، ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެން އޮތީ 2 އަހަރަށްވުރެ ވެސް ކުރު މުއްދަތެކެވެ.
އަށް މެޗަށް ފަހު ޗެލްސީގެ ކުޅުންތެރިން އިންޓަނޭޝަނަލް ބްރޭކާ ކުރިމަތިލާއިރު، ޗެލްސީ މި ވަގުތު އޮތީ ލީގުގެ ދެ ވަނައިގައެވެ. ލަނޑުގެ ތަފާތުގެ ސަބަބުން ދެ ވަނައިގައި އޮތްއިރު، ޗެލްސީން މި ސީޒަންގައި ދަށްކަމުން އަންނަ ރަނގަޅު ކުޅުމުގެ އެންމެ މުހިންމު ކުޅުންތެރިއަކަށް ވެފައިވަނީ އެޑެން ހަޒާޑެވެ.
އާދިއްތަ ދުވަހު ސައުތުހެމްޓަން އަތުން 3-0 އިން ޗެލްސީ މޮޅުވި މެޗުގައި ހަޒާޑް ޖެހި ލަނޑާއެކު، އޭނާ އަކީ މި ވަގުތު އިނގިރޭސި ލީގުގެ ޓޮޕް ގޯލް ސްކޯރަރއެވެ. އޭނާ މި ސީޒަންގައި ޗެލްސީއަށް 7 ލަނޑު ޖަހައިދީފައެވެ.
"އާނ. އަހަރެން ވޯލްޑް ކަޕަށް ފަހު ވާހަކަދެއްކީ އެހެންވެ. އަހަރެން ބުނިން، ވަރަށް ރަނގަޅު ވޯލްޑް ކަޕަކަށް ފަހު މިއީ ބަދަލެއް ގެންނަންވީ ވަގުތޭ" ސެއިންޓް މޭރީ ސްޓޭޑިއަމްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ހަޒާޑް ބުންޏެވެ. "މި ވަގުތު އަހަރެންނަށް ވަރަށް ރަނގަޅަށް އެބަ ކުޅެވޭ. ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބް. އަހަރެން މިއަދު ދޮގެއް ނަހަދާނަން"
"އެއީ ކުޑައިރުއްސުރެ އަހަރެންގެ ހުވަފެނެއް. އަހަރެން އެ ކްލަބާމެދު ހުވަފެން ދެކެމު. ބަލަމާ ހިނގާ. އަހަރެން ބޭނުމެއް ނޫން ކޮންމެ ދުވަހަކު މި ވާހަކަދައްކާކަށް. އަހަންނަށް ވަގުތެއް ނެތް. އެކަމަކު އަހަރެން ވަރަށް އަވަހަށް މުސްތަޤުބަލާމެދު ވާހަކަދައްކާނަން." ރެއާލްއަށް ބަދަލުވާން ބޭނުންވާކަން އަބަދު ވެސް ހާމަކުރަމުން އަންނަ ހަޒާޑް ބުނެފައިވެއެވެ.
ހަޒާޑް ރެއާލްއަށް ބަދަލުވާން ބޭނުންވާކަމަށް އަނެއްކާ ވެސް ބުނެފައިވާއިރު، ރެއާލް އިން އަންނަ ޖެނުއަރީ މަހުގެ ޓްރާންފަރ ވިންޑޯގައި ހަޒާޑް ގަތުމަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް