އީސީން އިއްޔެ ނެރުނު ބަޔާނަށް އެމްޑީޕީގެ ފަރާތުން ހޫނު ރައްދެއް ދީފި

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ފާސްކުރި ގަރާރެއް ކުށްވެރިކޮށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނަށް އެމްޑީޕީ އިން ހޫނު ރައްދެއް ދީފި އެވެ. ކ...

09 Oct 2015 | 07:56

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ފާސްކުރި ގަރާރެއް ކުށްވެރިކޮށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނަށް އެމްޑީޕީ އިން ހޫނު ރައްދެއް ދީފި އެވެ.

ކޮމިޝަނުގެ ބަޔާން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީން ބާރު ލިބި އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ދާއިރާއިން ބޭރުވެ، ސަރުކާރުގެ އަތްދަށުވެ، އެކޮމިޝަނުން ސިޔާސީ ބަޔާން ނެރެގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ޤާނޫނާއި ޚިލާފް އަމުރުތައް އަންގަމުންދާ މައްސަލަ އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

މިގޮތުން ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކޮމިޝަނުގެ ނަން ޤާނޫން އަސާސީއާއި ނުވަތަ ޤާނޫނާއި އެއްގޮތަށް ލިޔެފައި ނުވާކަން ފާހަގަކުރާ ކަމަށާއި އެބަޔާނުގައި އޮތްގޮތަކީ ‘އިލެކްޝަން ކޮމިޝަން’  ކަމަށްވާއިރު ޤާނޫން އަސާސީއާއި ޤާނޫނުގައި އޮންނަ ގޮތަކީ ‘އިލެކްޝަންސް ކޮމިޝަން’ ކަމާއި މިކަމުންވެސް އެ ކޮމިޝަންގެ ފެންވަރު ހާމަވަމުންދާކަން ފާހަގަކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

"އެބަޔާނުގައި ލިޔެފައިވާ އަނެއްވާހަކައިގައި މިޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތައް ކުށްވެރިކޮށްފައިވޭ، ނަމަވެސް މި ޕާޓީގެ ޙައްޤުތައް ދިފާޢު ކުރުމާއި މިޕާޓީން ކަންކަމުގައި ދެކޭ ގޮތް ނިންމުމަކީ މި ޕާޓީއަށް ލިބިގެންވާ ޙައްޤެއް، އަދި ރާއްޖެއާ މެދު އ.ދ އިން ނިންމާ ނިންމުންތަކަށް ސަރުކާރުން ބޯލެނބުމަށް ގޮވާލުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ވާޖިބެއް، ހަމައެފަދައިން އެބަޔާނުގައި ލިޔެފައިވާ އަނެއް ވާހަކައަކީ މާބޮޑަށް ހައިރާންކުރަނިވި ވާހަކައެއް، އެގޮތުން އެބަޔާނުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ އޮވެ، ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުގެ ނިންމުންތަކަށް ގޮންޖަހައި އެކަންކަންކަމަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވާލުން ކުއްވެރިކުރާކަމަށް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ އިސްދައުރަކީ ސަރުކާރުގެ އެންމެ އިސްވެރިނާއި ފެށިގެން މުޅި ސަރުކާރު ޒިންމާދާރުކުރުވުމާއި ސަރުކާރުންކުރާ ނޭއްގާނީ ކަންކަން ހުއްޓުވުން ކަމުގައި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައި ބުނެ ބަޔާން ނެރުއްވާފައިވާ އިލެކްޝަންސް ކޮމިޝަނަށް ހަނދާންކޮށްދެން، މި މިންވަރު އެގުމަށް އިލެކްޝަންސް ކޮމިޝަނުން ޣާފިލުވެފައިވާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މުޅި ދުނިޔެއިން ފާޑުކިޔުން ރައްދުވިގޮތަށް، ސުޕްރީމް ކޯޓުން ވަކިކުރުމަށްފަހު، ސަރުކާރުން ބޭނުންވާ ސިޔާސީ މަޤްޞަދު ޙާސިލްކުރާ ކޮމިޝަނަކަށް އެތަން ބަދަލުކޮށްފައިވާކަން އެކޮމިޝަނުން ނެރެމުންދާ އެފަދަ ބަޔާންތަކުން ހާމަވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަކީ އެމްޑީޕީއާށް ވުރެން ހަގު މުވައްސަސާއެއް ކަމަށްވުމުގެ އިތުރުން، އެކޮމިޝަން މިހާރު އެވަނީ އަނެއްކާވެސް ސިޔާސީ ޕާޓީތަކުގެ ދައުރާއި ، ޑިމޮކްރަސީގެ ހަމަތައް މިޕާޓީގެ ކިބައިން އުގެނެންޖެހޭ ޙާލަތަށް ގޮސްފައިކަމުގައި ދެކޭ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑިމޮކްރަސީ ވީކްގެ ނަމުގައި 1.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުއިން ބޭކާރުނުކޮށް، ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތަކެއް އަށަގެންނެވުމަށް ރާވައި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ޕާޓީ އަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވަލާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ނަގައިނުލުމަށާއި ސިޔާސީ ކުލަވަރު ޖެހިފައިވާ ބަޔާންތައް ނުނެރުމަށް އެ ކޮމިޝަނަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް