ރިޔާސީ އިންތިހާބު 2023: ޑރ. މުއިއްޒާއި ރައީސް ސޯލިހު ދެވަނަ ބުރަކަށް !

ރިޔާސީ އިންތިހާބުގެ ވޯޓު ގުނަމުން ދާއިރު، ދެވަނަ ބުރަކަށް ދާނެ ކަމަށާއި އެވަނަ ބުރެއްގައި ވާދަ ކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރ...

09 Sep 2023 | 16:04

ރިޔާސީ އިންތިހާބުގެ ވޯޓު ގުނަމުން ދާއިރު، ދެވަނަ ބުރަކަށް ދާނެ ކަމަށާއި އެވަނަ ބުރެއްގައި ވާދަ ކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ލަފާކުރެވެން ފަށައިފިއެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ދާނެއެވެ. މިހާތަނަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފޮށީގެ ވޯޓު ގުނާފައި ވާއިރު، ޑރ. މުއިއްޒުއަށް ލިބިފައި ވަނީ 44 އިންސައްތައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 39 އިންސައްތައެވެ.

ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

މިހާތަނަށް ގުނާފައިވާ 422 ވޯޓުފޮށީގެ ނަތީޖާއަށް ބަލާއިރު:-

  • ޑރ. މުއިއްޒު 70004
  • ރައީސް ސޯލިހު 61746
  • އިލްޔާސް 10368
  • އުމަރު 4286
  • ގާސިމް 4103
  • ނާޒިމް 1315
  • ފާރިސް 1885
  • ޒަމީލް 233

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް