ވޯޓު ގުނާއިރު ސުލްހަމަސަލަސްކަމަށް އިސްކަންދިނުމަށް އެޗްއާރްސީއެމްއިން ގޮވާލައިފި

ވޯޓު ގުނާއިރު ސުލްހަމަސަލަސްކަމަށް އިސްކަންދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވާލައިފިއެވެ. އެޗްއާރްސީއެމްއިން ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު،...

09 Sep 2023 | 15:18

ވޯޓު ގުނާއިރު ސުލްހަމަސަލަސްކަމަށް އިސްކަންދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒަރވަރުންނާއި، ސިޔާސީ ޕާޓީތަކާ، އަދި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ އެންމެހާ ރައްޔިތުންވެސް ޑިމޮކްރެސީގެ ރީތި އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަމަށް އިސްކަންދިނުމަށް އެދޭ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވާއިރު، މިވަގުތު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުފޮށި ތަކަށް ބަލާއިރު:-

  • ޑރ. މުއިއްޒު 45213
  • ރައީސް ސޯލިހު 39948
  • އިލްޔާސް 6739
  • އުމަރު 2711
  • ގާސިމް 2827
  • ނާޒިމް 812
  • ފާރިސް 1039
  • ޒަމީލް 125

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް