ރަސްދޫގައި ވޯޓުލުން އަލުން ފެށިއްޖެ: ފުލުހުން

އއ. ރަސްދޫގައި ވޯޓުލުން އަލުން ފެށިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަސްދޫގައި ވޯޓުލުން މެދުކަނޑާލީ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ ދެ އޮފިޝަލުން މަގާމުގެ މަސްއޫލިއ...

09 Sep 2023 | 09:43

އއ. ރަސްދޫގައި ވޯޓުލުން އަލުން ފެށިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަސްދޫގައި ވޯޓުލުން މެދުކަނޑާލީ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ ދެ އޮފިޝަލުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރަސްދޫގެ ވޯޓުލުން ކޮންމެވެސް ވަރަކަށް މެދުކެނޑުނު ކަމަށާއި، އެއީ ދެ ފޮށީގެ ދެ އޮފިޝަލުން އިގުރާރާ ހިލާފުވެގެން ކަމަށެވެ.

އެކަން އިތުރަށް ބަލައި، އެމީހުންނާ ސުވާލު ކުރުމުން، އެމީހުން އިގުރާރާ ހިލާފުވި ކަމަށް އަމިއްލައަށްވެސް އެއްބަސް ވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން ވޯޓުލުން އަލުން ފަށާފައި ވަނީ އެމީހުން ދޫކޮށް، އޮފިޝަލުންގެ ތެރެއިން އިތުރު މީހުން ލައިގެން ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އެންމެ ފަހުން ވޯޓުލާން ފެށުނީ ލަންޑަނުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓުލާން ފެށުނީ ރާއްޖޭ ގަޑިން 12:30 ގައެވެ.

މިއަދު މެންދުރު 1 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ  135422މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.95 އިންސައްތަ މީހުންނެވެ. ވޯޓު ލާފައި ވަނީ 69261 ފިރިހެނުންނެވެ. އެއީ 24.5 އިންސައްތައެވެ. އަދި މިހާތަނަށް ވޯޓު ލާފައި ވަނީ 66161 އަންހެނުންނެވެ. އެއީ 23 އިންސައްތަ އެވެ.

އަދިވެސް 146973 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެއެވެ. އެއީ ވޯޓު ލެވ މީހުންގެ އާބާދީގެ 52 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް