ވަގުތު ހަމަވާން ތިން ގަޑިއިރަށް ވީއިރު ދެބައިކުޅަ އެއްބައި މީހުން އަދި ވޯޓު ނުލާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަންބަރުތަކުން ދައްކައިފިއެވެ.
މިއަދު މެންދުރު 1 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 135422މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.95 އިންސައްތަ މީހުންނެވެ. ވޯޓު ލާފައި ވަނީ 69261 ފިރިހެނުންނެވެ. އެއީ 24.5 އިންސައްތައެވެ. އަދި މިހާތަނަށް ވޯޓު ލާފައި ވަނީ 66161 އަންހެނުންނެވެ. އެއީ 23 އިންސައްތަ އެވެ.
އަދިވެސް 146973 މީހުން ވޯޓު ނުލާ ކަމަށް އީސީން ބުނެއެވެ. އެއީ ވޯޓު ލެވ މީހުންގެ އާބާދީގެ 52 އިންސައްތައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އެންމެ ފަހުން ވޯޓުލާން ފެށުނީ ލަންޑަނުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓުލާން ފެށުނީ ރާއްޖޭ ގަޑިން 12:30 ގައެވެ.
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.
އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް