ލިޔަންކިޔަން ނޭނގުނަސް ވޯޓުލާން އެހީތެރިއަކު ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ވޯޓު ނުލެވޭކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓްރީ ކޮށްފައިވާ ނަމަ ކޮންމެ މީހަކަށްވެސް ވޯޓު ލެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
"ގާނޫނުގަ މި ބުނަނީ، އެހީތެރިއަކު ބޭނުން ކުރެވޭނީ ދެއަތުން ކުރެ އަތެއްގެ ބޭނުން ނުކުރެވޭ މީހުންނަށާއި، ލޮލަށް ނުފެންނަ މީހުންނަށާ އަދި މުސްކުޅިވެ ގައިބާރު ދެރަވެ، އެމީހާ އަމިއްލައަށް ވޯޓު ކަރުދާހުގަ ފާހަގަ ޖަހަން އުޒުރުވެރިވާ މީހުންނަށް. މި ތިން ކެޓަގަރީއަށް ނުފެތޭ ކަމަށް ވަންޏާ އެހީތެރިއަކާ އެކީގަ ވޯޓު ލުމުގެ ފުރުސަތެއް ގާނޫނީ ގޮތަކުން ނުއެއް ނެތް" ހަބީބް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ލިޔަން ކިޔަން ނޭނގުމަކީ ވޯޓުލާން އެހީތެރިއަކު ބޭނުން ކުރަން ފުރުސަތު ދެވޭނެ ސަބަބެއް ނޫން ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 112,250 މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 39.75 އިންސައްތަ މީހުންނެވެ. އެއީ 20 އިންސައްތަ ފިރިހެނުންނާއި 19 އިންސައްތަ އަންހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އެންމެ ފަހުން ވޯޓުލާން ފެށުނީ ލަންޑަނުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓުލާން ފެށުނީ ރާއްޖޭ ގަޑިން 12:30 ގައެވެ.
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.
އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް