ވޯޓުލާން ދިޔަ މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވުމުން ވޯޓު ނުލެވުނު: އީސީ

ވޯޓުލާން ދިޔަ މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވުމުން ވޯޓު ނުލެވި ދިޔަ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ...

09 Sep 2023 | 08:46

ވޯޓުލާން ދިޔަ މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވުމުން ވޯޓު ނުލެވި ދިޔަ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްމާއީލް ހަބީބު ވިދާޅުވީ، އެފަދަ ކަމެއް ދިމާވެފައިވާކަން ކުރިން ފާހަގަ ނުވީ، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި އެ ފަރާތުން ވޯޓާސް ލިސްޓް ބަލައި ޝަކުވާ ހުށަނޭޅުމުން ކަމަށެވެ.

މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 112,250 މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 39.75 އިންސައްތަ މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް