ރިޔާސީ އިންތިހާބު 2023: އިލްޔާސް ވޯޓު ލައިފި!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވޯޓު ލައިފިއެވެ. އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ވޯޓު ލާފައި ވަ...

09 Sep 2023 | 06:50

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބު ވޯޓު ލައިފިއެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ވޯޓު ލާފައި ވަނީ އިލްޔާސްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މުހައްމަދު ނާޒިމް، ޑރ. މުހައްމަދު މުއިއްޒު، ގާސިމް އިބްރާހިމް، އަހުމަދު ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ. އެހެންކަމުން މިހާރު ވޯޓު ނުލައީ އުމަރު ނަސީރު އެކަންޏެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު ފެށިފައި ވާއިރު، މިއަދުގެ 10:00ގެ ނިޔަލަށް 36 ހާސް މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވެއެވެ.

އީސީއިން ބުނީ، ވޯޓުލާން ފެށިތާ ދެ ގަޑިއިރު ތެރޭގައި ޖުމުލަ 36163 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ.

އެހެންކަމުން މިހާތަނަށް ވޯޓު ލާފައި މިވަނީ، ވޯޓު ލެވޭ އާބާދީގެ 12.8 އިންސައްތަ މީހުންނެވެ. މިހާތަށް ވޯޓު ނުލާ ވަނީ 246232 މީހުންނެވެ. އެއީ 87 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް