އިންތިހާބާ ގުޅިގެން އުފެދޭ ޝަކުވާތައް ލަސްނުކޮށް ހުށަހެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްއާރްސީއެމް އިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި، މާބަނޑު އަންހެނުންނަށް ކިއު ގައި ނުޖެހި ވޯޓުލެވޭނެ ކަމަށެވެ.
މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ، އެއް ފަހަރަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުތައް ބާތިލުވާނެ ކަމަށާއި، އާދައިގެ ކަޅު ނުވަތަ ނޫ ކުލައި ދެލީގެ ގަލަމެއް ފިޔަވައި އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ފާހަގަޖަހައިފިނަމަވެސް ވޯޓު ބާތިލުވާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފވަނީ ފެށިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.
އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް