ހަމަލާ ދީ ޒަހަމްކޮށްލިޔަސް މަސްތުވާތަކެތީގެ ވިޔަފާރިއާއި ރާވައިގެން ކުށްކުރާ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުން ފަސްނުޖެހޭނެކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ މިއަދު ހެންވޭރު ދަނޑު ސަރަހައްދުން ގޭންގަކުން ހަމަލާދީ ޒަހަމްކޮށްލި ތިން ފުލުހުންނަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށްފަހުގައެވެ.
ސީޕީ ވިދާޅުވީ މިއަދުގެ އެ ހަމަލާގައި ޒަހަމްވި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ނިސްބަތްވާ ހިތްވަރުގަދަ ތިން އޮފިސަރުންނަށް ޒިޔާރަކޮށްފައިވާނެކަމަށާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ އޮފިސަރުންނަށް ނުރައްކާތެރި ހަމަލާތަކެއް ދީފައިވާކަމަށެވެ.
https://twitter.com/M_Hameedh/status/1568186788237430784
"ދެމީހަކު ހައްޔަރު ކުރެވިއްޖެ، މިކަމުގައި ބައިވެރިވާ އެންމެން ހައްޔަރު ކުރާނެ، ފުލުހުންނަށް މިފަދަ ހަމަލާ ދިނުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ، ވަގުތުން ފިޔަވަޅު އަޅަން ވާނީ އަންގާފައި" ސީޕީ ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިން ފުލުހަކަށް އުމުރުން 18 އަހަރުނުވާ ކުދިންތަކެއް މިއަދު ހަމަލާދިނީ ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދުންނެވެ. ހެންވޭރު ދަނޑުގައި ފުލުހުންގެ އެ އޮފިޝަރުންތައް ފުޓްބޯޅަ ކުޅެފައި ނިކުތް ވަގުތާ ބަލާ އެ ހަމަލާ ދިނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގޭންގަކަށް ނިސްބަތްވާ ބަޔަކަށް އަނިޔާ ކުރުމުން އޭގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއްކަމުގައިވެސް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.
ހަމަލާގައި ޒަހަމްވި ތިން އޮފިސަރުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެ ފުލުހުންނަށް ލިބުނު ޒަހަމްގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް