ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗެއް ބައްލަވައިލައްވާ އެ މެޗު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހިންނަވަރަށް ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ރައީސް ސޯލިހް، އެމަނިކުފާނުގެ އުފަންރަށް ވަޑައިގެންނެވުމުން ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މެޗަކީ ހިންނަވަރު އިނޮވޭޓިވް ޔޫތު އެސޯސިއޭޝަން (ހިރިޔާ)ގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގައި މިހާރު ކުރިއަށްދާ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗެވެ.
މި މެޗުގައި ބައްދަލުކުރަނީ ހިންނަވަރު ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީއެވެ. ހިންނަވަރު ސްޕޯޓްސް ކްލަބްގައި ދިވެހި މަގްބޫލު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެއެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00ގައި ހިންނަވަރުގައެވެ.
މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 50 ހާސް ރަނަރަޕް ޓީމަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިގެން ކުރިއަށްދާ މުބާރާތެކެވެ. މީގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިތުރު 75 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް