މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.32 ބިލިއަން ލިބިފައިވާ ކަމަށް މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 3.6 ޕަސެންޓު އިތުރު އަދަދެކެވެ. މިއީ އޮގަސްޓު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.9 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޓީ.ޖީ.އެސް.ޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާތީ އެވެ. މީރާއިން ބުނީ އެ މުއްދަތުގައި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ އަދަދު 5.4 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އޮގަސްޓުގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިފުން ހިމެނޭ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އޮގަސްޓު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 48.7 ޕަސެންޓު ނުވަތަ 645.81 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 19.9 ޕަސެންޓު ނުވަތަ 263.86 މިލިއަން ރުފިޔާއެވެ.
އޮގަސްޓު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް