ރާނީ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ރަސްގެފާނަށް ރައީސް ސޯލިހްގެ ތައުޒިޔާގެ މެސެޖެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނައިގެ މަންމާފުޅު، އަދި އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހ...

08 Sep 2022 | 21:52

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނައިގެ މަންމާފުޅު، އަދި އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު ދެ ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، އިނގިރޭސި ރަސްގެފާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކު ކަމަށާއި އަދި ކޮމަންވެލްތުގެ މެމްބަރު ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން ވެސް މިހިތާމައިގައި ބައިވެރިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ރަނިކަމަކީ، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމުގެ އަލިގަދަ ދަންމަރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބުއަދާކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިހުންނަނިވި ގޮތުގައި ދިރިދެމިހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާނީ އެލިޒަބަތު ދެ ވަނަ ދިވެހިރާއްޖެއަށް ވަޑައިގެންނެވި އިރު، އެހަނދާންތަކަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޙަޔާތުން މުހިއްމު ހަނދާނެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެކަމަނާގެ ލާމަސީލުހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގެ ޤައުމުތަކަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާންވެސް އައުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް