ރައީސް ސޯލިހު ރ އަދި ށ އަތޮޅަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަށާއި މާޅޮސްމަޑުލު އުތުރުބުރީގެ 5 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާ...

09 Sep 2021 | 16:25

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަށާއި މާޅޮސްމަޑުލު އުތުރުބުރީގެ 5 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފަ އެވެ.

އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި، ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވާ އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ހޯއްދަވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފަ އެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ބައްލަވާލައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަށްރަށުގެ ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލައްވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އަދި އެކަމަނާ ވަނީ ށ. ފޯކައިދޫ އާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުންނާއި ބައްދަލުކޮށްލައްވާފަ އެވެ.

ހަމަ އެއާއެކު އެކަމަނާ ވަނީ ރ ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރ. ރަސްގެތީމުގެ އާސާރީ ޒިޔާރާތް ބައްލަވައިލައްވާފަ އެވެ. އަދި ރ. އަނގޮޅިތީމުން ފެނިފައިވާ އާސާރީ ތަކެތިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް