ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް ވަޑައިގެންފި އެވެ.
މިރަށަކީ ރައީސްގެ މި ދަތުރުފުޅުގައި ކުރިން ވަޑައިގެންނަވަން ހަމަޖެހިފަ އޮތް ރަށެއް ނޫންނެވެ. ރ. އަތޮޅުން އެމަނިކުފާނު ވަޑައިގެންނަވަން ހަމަޖެހިފައި އޮތީ އަލިފުށި ދާއިރާގެ ރަށްތައް ކަމަށްވާ ވާދޫ، އަނގޮޅިތީމު، ރަސްގެތީމު އަދި އަލިފުށްޓެވެ.
އެ ރަށްތަކަށް ވަޑައިގެންނެވުމަށް ފަހު މިއަދު ވަނީ ކުއްލި ގޮތަކަށް މަޑުއްވަރިއަށް ވަޑައިގެންނަވާފަ އެވެ. ރައީސްގެ ދަތުރުފުޅަށް މި ގެނައި ބަދަލާއި ގުޅޭގޮތުން ރައީސް އޮފީހުން އެއްޗެއް ހާމައެއް ނުކުރެ އެވެ.
ރައީސް ސޯލިހު މަޑުއްވަރިއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ.
މަޑުއްވަރީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި އާ ބަނދަރު ހެދުމާއި، އައިސްޕްލާންޓެއް ގާއިމް ކުރުމުގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރުން ހިމެނެ އެވެ.
https://twitter.com/presidencymv/status/1435941759612178437
ރައީސްގެ ކުއްލި މި ދަތުރުފުޅާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ކޯވިޑް ފެތުރޭތީ މިމަހުގެ އެއް ވަނަ ދުވަހު މޮނިޓަރިންއަށްލީ އެ ރަށް މިމަހުގެ ހަތް ވަނަ ދުވަހު ކުއްލިއަކަށް މޮނިޓަރިންއިން ނެގީ ރައީސް އެ ރަށަށް ވަޑައިގެންނަވަން ވެގެން ކަމަށްބުނެފައިވެ އެވެ.
އެކަމަކު މަޑުއްވަރީ ކައުންސިލުން މިކަން ދޮގުކޮށް މީޑިއާގައި ބުނީ އެ ރަށުގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި އެންމެ ތިބީ ކަރަންޓީންގައި ކަމަށެވެ. އަދި ރަށުގައި ބަލި ފެތުރެމުން ނުދާ ކަމަށާއި ކޯވިޑް ފެތުރޭތޯ ބަލަން އެންމެ ފަހުން ނެގި 100 އަށްވުރެ ގިނަ ސާމްޕަލްތައްވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް