ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އޭޖީން މިގޮތަށް ނިންމީ އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން އިއްޔެ ނިންމުމުންނެވެ. ހައިކޯތުން ހުކުމް ކުރީ ދައުލަތް ތަމްސީލު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށެވެ. އެހެންވެ، ރަށެއްގެ ބިމުގެ މައްސަލަތަކުގައި ވެސް ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށް އެ ހުކުމުގައިވެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ހުސެއިން ހަސަން މީޑިއާގައި ވިދާޅުވީ އެ އޮފީހުން ނިންމާފައިވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ކަމަށެވެ. އަދި އެކަމާ ބެހޭ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
ފެންފުށިގެ އެ މައްސަލައިގަ ރަށު ކައުންސިލާ ދެކޮޅަށް ހައި ކޯޓަށް މައްސަލަަ ހުށަހެޅިޔަސް، ކައުންސިލުން ބުނީ، އެ މައްސަލައިގައި ވަކާލާތު ކުރެވޭނެ ވަކީލަކު އެ ކައުންސިލްގައި ނެތް ކަމަށެވެ. އެހެންވެ، ފެންފުށީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާން އެޓާނީ ޖެނެރަލްގެެ އޮފީހަށް ހައި ކޯޓުން އެންގުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ޖަވާބު ދިނީ ކައުންސިލްތަކަކީ މިނިވަން ގާނޫނީ ޝަހްސަކަށް ވާތީ ކައުންސިލްތައް ތަމްސީލު ކުރުމުގެ ބާރު އެ އޮފީހަށް ނެތް ކަމަށެވެ.
ނަމަވެސް ހައި ކޯޓުން ނިންމީ އެޓާނީ ޖެނެރަލްގެ ފަރާތުން އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދިިޔައީ އެޓާނީ ޖެނެރަލްގެ އޮފީހާއި ފެންފުށި ކައުންސިލް ބައިވެރިކޮށްގެންނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަހްސެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް