އަނގޮޅިތީމުގައި މިދިޔަ 40 އަހަރު ނުހިނގާ ވަރަށް މަޝްރޫއުތައް އެބަ ހިނގާ: ކައުންސިލް

ރ. އަނގޮޅިތީމްގައި މިދިޔަ 40 އަހަރު ނިހިނގާހާ ގިނަ މަޝްރޫއުތައް މިސަރުކާރުން އެބަ ކުރިޔަށް ގެންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަ...

09 Sep 2021 | 13:59

ރ. އަނގޮޅިތީމްގައި މިދިޔަ 40 އަހަރު ނިހިނގާހާ ގިނަ މަޝްރޫއުތައް މިސަރުކާރުން އެބަ ކުރިޔަށް ގެންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެ ރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލު ކުރެއްވުމުގައި އެވެ. މި ބައްދަލުކުރެއްވުން އޮތީ އަނގޮޅިތީމު ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ހޯލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓްތައް ހިނގަމުންދާއިރު އުފެދޭ ކުނިބުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ރަށުން ކުނި ގެންދިއުމަށް ފަސޭހައަކަށް ޓީޖެޓީއެއް ހެދުން ހިމެނެ އެވެ.

އަދި މޫދަށްއެރޭ ސަރަޙައްދެއް ތަރައްޤީކުރުމާއި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރި އެވެ.

މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ކޮމެޓީގެ މެންބަރުން ވަނީ ކޮމެޓީގެ މަސައްކަތްކުރިޔަށް ގެންދިއުމުގައި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ތެރެސާފުކޮށް ބަލަހައްޓާ ކަނބަލުންނަށް ކަނޑައަޅާފައި އޮންނަ ފައިސާގެ ޢަދަދު ބޮޑުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުނިމެނޭޖުކުރުމުގައި ހުރިދަތިތަކާއި އަދި ޓުއަރިސްޓް ވިޒިޓާސް ސެންޓަރާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމާ އަދި މި ނޫންވެސް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލުކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އަނގޮޅިތީމު ޓުއަރިސްޓް ވިޒިޓާސް ސެންޓަރުގައި ބަހައްޓާފައިހުރި ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. މި ތަކެއްޗަކީ އަނގޮޅިތީމުން އެކި ދުވަސްވަރު ނެގިފައިހުރި ބައެއް އާސާރީ ތަކެއްޗެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. އަނގޮޅިތީމަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެ ދެ ކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް