މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭ ޓްރެއިނިންގއެއް ކުރިއަށް ގެންގޮސްފި އެވެ.
މި ޓްރެއިނިން ގެ އަމާޒަކީ އެމް.ކިޔު.އޭ އިން ކުރިއަށް ގެންދާ މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ގައި ޙަރަކާތްތެރިވާ ބޭފުޅުންނަށް މި އޮޑިޓަށް ބޭނުންވާ ތަމްރީނާއި މަޢުލޫމާތު ދިނުމެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގެ ސެމިނަރ ރޫމް ގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ގައި 16 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މި ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ކުރިމަތިލުމަށް ހުޅުވާލުމާ ގުޅިގެން ކުރިމަތިލާފައި ތިބި ބޭފުޅުންގެ އިތުރުން ކުރީގެ އޮޑިޓް ޕޫލް ގައި ހިމެނޭ މެންބަރުންނާ އެކުގަ އެވެ.
އެމް.ކިޔު.އޭ އިން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓް ގައި މިއަހަރު ވެސް ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދޭ 4 މަރުކަޒެއްގެ އޮޑިޓް ކުރިއަށް ގެންދާކަން އެމް.ކިޔު.އޭ އިން ފާހަގަ ކުރައްވާފައި ވެއެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ގެ ޤާނޫނު ތަންފީޒުކުރުމަށް ފެށުމާއެކު މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، އެ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓެއް މި ޤާނޫނު ގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތީން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މަދުވެގެން 3 އަހަރުން އެއް ފަހަރު ހަދައި، ޢާންމު ކުރުމަށް ކަނޑައަޅާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް