ސަރުކާރުން، ހައްދުންމަތީ މާބައިދޫގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް ކައުންސިލުން ތައުރީފްކޮށް، ޝުކުރު އަދާކޮށްފި އެވެ.
އެރަށު ކައުންސިލުން މިކަމަށް ތަޢުރީފުކޮށް، ޝުކުރުއަދާ ކުރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭނާއި އެރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފަ އެވެ.
އެގޮތުން، ރަށްގިރުމުގެ މައްސަލައާއި، ތަޢުލީމީ ދާއިރާގައި އޮތް މުވައްޒަފުންގެ ދަތިކަމާއި، ބައެއް ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވަނީ ހިއްސާ ކުރައްވާފަ އެވެ. އަދި ކައުންސިލް އިދާރާ އާއި ސިއްޙީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ހުރި ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ޕޮލިހުންގެ ޚިދުމަތް ރަށުގައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
މީގެ އިތުރުން ރަށުގައި ލޯކަލް ޓުއަރިޒަމް އަވަހަށް ފެށުމަށް ބޭނުންވާ ކަމަށާއި މިކަން އަވަހަށް ފަށައިގަތުމަށް ސަރުކާރުން އެހީތެރިވުމަށް އެދިލައްވާފަ އެވެ. އަދި ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ވެސް މާބައިދޫ ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ރަށުގެ ތަރައްޤީއަށް ލޯކަލް ޓުއަރިޒަމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާ އެކަމުގައި އަވަހަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބައްލަވައި އެހީތެރިވެލައްވާނެކަމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެއާއެކު އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށްޓަކައި ޙާއްޞަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެކަން ޙާޞިލުކުރުމަށް ކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށާއި ކުދިންގެ ރައްކާތެރިކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަށާއި ބަލިވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް