އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދުގެ ތަރުޖަމާނު ކަނޑައަޅުއްވައިފި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ރަސްމީކޮށް ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވަޑައިގެންނަވާނެ އެވެ. އޭގެ ކުރިން އައްޔަން ކުރަން ޖެހޭ ގިނަ މަގާމުތަކަށް މިހާރ ވަނީ މީހުން އައްޔަން ކޮށް ނިންމާފައި އެވެ.
އެގޮތުން ޝާހިދުގެ ތަރުޖަމާނުގެ ގޮތުގައި ކަނޑައަޅާފައިވަނީ މޮނިކާ ގްރޭލީ އެވެ. މޮނިކާ އަކީ އދ. ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ.
އެ މަގާމަށް ހަމަޖެއްސުމާއި މޮނިކާ ޓުވިޓާގައި ވިދާޅުވީ އާންމު މަޖިލީހުގެ ރައީސްގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން ޝާހިދުގެ ފަހަތްޕުޅުގައި ހުންނަވައި ދުނިޔޭގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށް، ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްދީ ޒުވާނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2019-2018 ގައި ކުރައްވައިފައެވެ.
އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކާސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ޝާހިދު ވަނީ މިހާރު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.
އައިޕީޔޫގެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޝާހިދު ދަތުރުކުރެެއްވީ އޮސްޓްރިޔާގެ ވެރިރަށް ވިޔާނައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް