ކ. ކާށިދޫގައި އެއާޕޯޓެއް ނާޅާ ރ. އަލިފުށީގައި އެއާޕޯޓެއް އެޅިޔަ ނުދޭނެ ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
"ދުވަސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަައި ޖާބިރު ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އޭނާ ކުރައްވާތައް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެކަމަކު އެ މަސައްކަތް ފެށުމަށް ފުރުސަތު މިހާތަނަށް ލިބިފައި ނުވެ އޮއްވަ ބަޖެޓުގައި ނެތް އަލިފުށީ އެއާޕޯޓް އެޅިގެން ނުވާނެ ކަމަށާއި އެކަމަށް އޭނާ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ އެއާޕޯޓު އަޅަން އަލިފުއްޓަށް ސާމާނު ގެންދެވޭނީ ކާށިދޫ ކަނޑު ހުރަސްކޮށްގެން ކަމަށެވެ. އެކަމަކު ކާށިދޫގައި އެއާޕޯޓު އެޅުމުގެ ކުރިޔަށް އަލިފުއްޓަށް އެއާޕޯު އަޅަން ސާމާނު ގެންދިޔަ ނުދެއްވާނެ ކަމަށެވެ.
"އެކަމެއް ނުވާނެ، ކާށިދޫ ކަނޑު ހުރަސްކޮށްގެން ނޫންތޯ އަލިފުށްޓަށް ސާމާނު ގެންދެވޭނީ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ އެއާޕޯޓް އެޅުމަށް ޓްރާންޕޯޓް މި މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ އެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަލިފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން މިދިޔަ ހަފްތާގައި ހަވާލު ކުރީ އެމްޓީސީސީ އާއި އެވެ. އެމަސައްކަތް ފެށުމާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު މަޖިލީހުގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހިގެން އުޅުއްވަނީ އެ އެއާޕޯޓު އެޅުން މިއަހަރުގެ ބަޖެޓުގައި ނެތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް