ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރީގެ ބަންޑާރަ ނައިބު ދިނާޔާ ސައީދު ކައިވެނި ރުޖޫއަ ކޮށްފި އެވެ.
އެ ދެބޭފުޅުންގެ 15 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފަވާކަން ހާމަވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ދިޔާނާ ޓުވީޓާގައި އެކަން ހާމަ ކުރެއްވުމުންނެވެ.
ކައިވެނި އަލުން ރުޖޫއަ ކުރިކަން ޖާބިރު މިއަދު "ދުވަސް"އަށް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. "ދުވަސް" އިން ޖާބިރަށް ގުޅާލިއިރު ޖާބިރުގެ އަރިހުގައި ދިޔާނާވެސް އިންނެވި އެވެ. ޖާބިރު ވިދާޅުވީ ދެބޭފުޅުން އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންދާ ކަމަށެވެ.
ކައިވެނި ރުޖޫއަ ކުރުމާއި ގުޅޭގޮތުން ވިދާޅުވީ ކައިވެނި ރުޖޫއަ ކުރީ ދެބޭފުޅުން އެކަމަށް ބޭނުން ވެގެން ކަމަށެވެ. އަދި ދެ ފަރާތުގެ އާއިލާގެ ގުޅުން ވަރަށް ބަދަހި ކަމަށާއި ދިޔާނާއަށް އޭނާ އާއި ދުރުގައި ނުހުންނެވޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އިތުރަށް ޖާބިރު ވިދާޅުވީ ވަރި ވިޔަސް އެއީ އެއްކޮށް ވަކިވީ ނޫން ކަމަށެވެ. ދެބޭފުޅުން ވަރިވީ ކުޑަ އިންޓަވަލްއެއް ނެގުމަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ދެބޭފުޅުން އުޅުއްވީ ވިޔަފާރި އާއި އަމިއްލަ ކަންކަމުގައި ޝާމިލް ވެގެން ކަމަށެވެ.
ޖާބިރު ވިދާޅުވީ ކައިވެނި ރުޖޫއަ ކުރުމުގެ މުނާސަބަތުގައި ބޮޑު ހަފްލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ޕާޓީ އޮންނާނީ ވ. އަތޮޅުގައި އޮންނަ ޖާބިރުގެ ހެޕީ ކްލަބްގައި ކަމަށްވެސް ވިދާޅުވި އެވެ.
ޖާބިރާގެ ދިޔާނާގެ ކައިވެންޏަށް ދެ ކުދިން ލިބިފައި ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް