ގާސިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދެފި

ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އާއިލާއިން އެދެފި އެވެ. އާއިލާގެ ފަރާ...

09 Sep 2017 | 18:31

ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އާއިލާއިން އެދެފި އެވެ.

އާއިލާގެ ފަރާތުން ގާސިމްގެ ދަރިކަލުން މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ސިޓީ އާއި އެކު ޑޮކްޓަރުގެ ސިޓީ ފޮނުވާފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވި އެވެ. ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެފައިވަނީ ދަތުރު ކުރެވޭ ވަރަށް ގާސިމްގެ ސިއްހީ ހާލަތު ރަނގަޅުވާނީ ޑިސެމްބަރު މަހު ކަމަށެވެ.

ޑޮކްޓަރު ވިދާޅުވެފައިވަނީ ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށެވެ.

ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަންސްއިން ދިން 10 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށް އާއިލާއިން ބުނިނަމަވެސް އެކަން ކަރެކްޝަންސްއިން ދޮގު ކުރެ އެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން މީޑިއާގައި ވިދާޅުވީ މުއްދަތު އިތުރު ކުރަން މިހާތަނަށް އެދިފައި ނުވާ ކަމަށެވެ.

އެކަން ދޮގުކޮށް މިރޭ ހިސާން ވިދާޅުވީ އާއިލާގެ ފަރާތުން މުއްދަތު އިތުރުކޮށްދޭން އެދުނީ މިއަދު ހެނދުނު ކަމަށާއި އެ ސިޓީ ކަރެކްޝަންސްއިން ބަލައިގެންފައިވާ ކަމަށެވެ.

ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައި މިވަނީ އެތައް ފަހަރަކު އެކަމަށް އެދިފައިވަނިކޮށެވެ. އެންމެ ފަހުން ހުއްދަ ދީފައި މިވަނީ ގާސިމް މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ކަމަށް ހުކުމް ކުރި އިރު ގާސިމްގެ ޕާސްޕޯޓު ދޫކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.

އެކަމަކު އަމުރުގެ އެބައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް