ވޮލެޓެއް ފޭރިގަނެގެން ފިލަން ދުއްވި ދެމީހަކު ހައްޔަރު – ދެމީހުންވެސް ނިސްބަތްވަނީ އެއް ގެއަކަށް

މާލޭގައި ވޮލެޓެއް ފޭރިގަނެގެން ފިލަން ދުއްވި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 09:40 އެހައިކަންހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ސޯސަ...

09 Aug 2024 | 11:45

މާލޭގައި ވޮލެޓެއް ފޭރިގަނެގެން ފިލަން ދުއްވި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 09:40 އެހައިކަންހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ސޯސަން މަގުން ސައިކަލެއްގައި ދިޔަ ދެމީހަކު ބިދޭސީއެއްގެ ވޮލެޓު ފޭރިގެން ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

"ފުލުހުން ސައިކަލުގައި ފަހަތުންގޮސް ސައިކަލު ދުއްވި މީހާ ކަސްތޫރިމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު" ފުލުހުން ބުނެފައިވެއެވެ.

ސައިކަލުގެ ފަހަތުގައި އިން މީހާ އަތުލައިގަނެވުނީ ފިލަން އެ ސަރަހައްދުގެ ގެއަކަށް ވަތްން ކަމުގެ މައުލޫމާތު ލިބިގެން ހޯދި ހޯދުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ސައިކަލުގެ ފަހަތުގައި އިންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރިއިރު ބިދޭސީ މީހާ އަތުން ފޭރުނު ވޮލެޓު ފެނިފައިވާކަމަށާއި ވޮލެޓުގައި ހުރި އެމެރިކާ ޑޮލަރާއި އޮސްޓްރޭލިއާ ޑޮލަރު އަދި ދިވެހި ރުފިޔާ ފެނިފައިވާއިރު އެ ތަކެތި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މި ފަހުން އަމަލުކުރަން ފެށި އުސޫލުގެ ދަށުން، މި މައްސަލައިގާ ހައްޔަރުކުރި ދެމީހުންގެ ވަނަވަރުވެސް ފުލުހުން އާއްމުކޮށްފައިވެއެވެ. އެގޮތުން މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ ސަލްޓަންވިލާ، އުމުރުން 31 އަހަރުގެ މުޙައްމަދު ރިމާޙު އާއި ހަމަ އެގޭ އުމުރުން 39 އަހަރުގެ އިބްރާހިމް ޝުޖާޢު ކަމަށެވެ.

ބެލެވޭގޮތުގައި އެއް ގެއަކަށް ނިސްބަތްވާ ދެބެންނެވެ. އެހެންނަމަވެސް ރަސްމީ އިދާރާއަކުން އެކަން ސާފުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް