މާލެ ސަރަހައްދުގައި 15000 ހައުސިންގް ޔުނިޓް އަޅާނެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ޖޭޕީގެ މެނިފެސްޓޯ އިފްތިތާހު ކޮށްފައި ވަނި މިރޭ މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ގާސިމްގެ ވައުދުތަކުގެ ތެރެއިން 'ކަށަވަރު ބޯހިޔާވަހިކަން' ވައުދުގެ ދަށުން ހިމެނޭ ދެ ވައުދަކީ ގްރޭޓާ މާލެ ސަރަހައްދުގައި 15000 ހައުސިންގް ޔުނިޓް އަޅާ ނިންމައި ހަވާލު ކުރުމާއި ރިޔާސީ ދައުރުގައި 30،000 ހައުސިންގް ޔުނިޓްއަޅައި، ބޯހިޔާވަހިކަން ބޭނުންވެ ނުލިބި ތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނިމެވެ.
އޭގެ އިތުރުން، އަލަތު ކައިވެންޏަށްފަހު ދިރިއުޅެން ފަށާ ޒުވާނުންނާއި، ކުރިން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް، 18000 ހައުސިންގް ޔުނިޓް "ފުރަތަމަ ގެދޮރު"ގެ ގޮތުގައި ދޫކުރުން ވެސް ގާސިމްގެ ވައުދުގައި ހިމެނެއެވެ.
އޭގެ އިތުރުން އެ ސިޔާސަތުގައި ހިމެނޭ ވައުދުތަކަކީ:-
- އަތޮޅުތެރޭގައި ހައުސިންގް ޔުނިޓް އަޅައި ނިންމާ ހަވާލު ކުރުން
- ސޯޝަލް ހައުސިންގް ހައްގުވާ ފަރާތްތަކަށް ލިބިފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދިނުން
- "ގެދޮރު ޔަގީން ޕޯޓަލް" ތައާރަފްކުރުން
- "ގެދޮރު ޔަގީން ޕޯޓަލް" މެދުވެރިކޮށް ގެދޮރު ހައްގުވާ މިންވަރަށް ޕޮއިންޓް ލިބުމުން ގެދޮރު ލިބޭ ތަނާއި ތާރީހް އެންގުން
- ފުރަތަމަ ގެދޮރު ފައިނޭންސްއަށް ހަމައެކަނި %10 އިކުއިޓީ އާއި %5 އިންޓްރަސްޓްގައި ލޯނު ދިނުން
- އަމިއްލަ ނުވަތަ ބަނޑާރަ ގޯތީގައި އާއިލީ ގެދޮރު އެޅުމަށް ހަމައެކަނި %10 އިކުއިޓީއާއި %5 އިންޓްރެސްޓް ގައި ލޯނު ދިނިން ހިމެނެއެވެ.
މީގެ އިތުރުން، "ނަލަ ގެދޮރު"ގެ ގޮތުގައި 6000 ހައުސިންގް ޔުނިޓް އަދި "އުޖާލާ ގެދޮރު" ގެ ނަމުގައި 6000 ހައުސިންގް ޔުނިޓް ވިއްކުމަށް ގާސިމްގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް